”ބުންވަރު“ގެ ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ބޮޑު ހިނގާލުމެއް ފަށައިފި އެވެ.
މި ހިނގާލުން ފެށީ ޕީޕީއެމް އޮފީހުގެ ދޮރުމަތިންނެވެ. ހިނގާލުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވާ އިރު އިދިކޮޅު ލީޑާޝިޕްގެ އިސް ބޭފުޅުން ވެސް ބައިވެރިވެލައްވަ އެވެ.
އިދިކޮޅު ކޯލިޝަންގެ ތިން އެޑްވައިޒަރުން ކަމަށްވާ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ރަައީސް ޔާމީންގެ ރަނިންމޭޓަކަށް 2018 ގެ އިންތިހާބުގައި ހޮއްވެވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ހުންނެވީ އެންމެ ކުރީގައެވެ.

ސުލްހެވެރިކަމާއެކު ހިނގާލުން ކުރިއަށް ދާއިރު ފުލުހުން ދަނީ ހިނގާލުން ކުރިއަށް ގެންދިއުމަށް އެހީތެރިވެ ދެމުންނެވެ.
ހިނގާލުމުގެ ބައިވެރީން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އެމަނިކުފާނުގެ މައްޗަށް ކޮށްފައިވަނީ ”ހަރާމް ހުކުމް“ އެއް ކަމަށްވެސް ބުނެ އަޑުއުފުލައެވެ.

ޔާމީން 11 އަހަރަށް ޖަލަށް ލުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ދަނީ ކޮންމެ ރެއަކުހެން މުޒާހަރާކުރަމުންނެވެ.
މި ހިނގާލުމުގެ އިތުރުން މިރޭވެސް ހޯޕް ކޮންފަރެންސް ކުރިއަށް ދާއިރު މިނކޮންފަރެސް ނިންމުމަށް މާލޭގައި ”ދުއްޕާން“ ނަމުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.