އެމްޑީޕީ ގެނައި ޑިމޮކްރަސީއަކީ ފާސިގު ޑިމޮކްރަސީއެއް ކަމަށާއި މިއަށްވުރެ މޮޅަށް މި ފާސިގު ޑިމޮކްރަސީ ހިންގާނެ ބަޔަކު ނެތް ކަމުގައި ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން އިއްޔެ ފެށި ”ހޯޕް ކޮންފަރެންސް“ ފެށުމުގެ ރަސްމިއްޔާތުގައެވެ.
”އެމްޑީޕީ ގެނައި ޑިމޮކްރަސީއަކީ އަޅުގަނޑަށް ފެނުނު ތަނުގައި ފާސިގު ޑިމޮކްރަސީއެއް. މި ޑިމޮކްރަސީ އެންމެ ރަނގަޅަށް އަޅުގަނޑު ވިސްނާ ވިސްނާ އެތައް ފޮތެއް ކިޔާ ބެލިއިރުގަ މި ޑިމޮކްރަސީއަށް ޢިލްމުވެރިން ދެއްވައިފައި އޮތް ލަގަބަކީ ފާސިގު ޑިމޮކްރަސީ. އެމްޑީޕީއަށް އައިސް ދިވެހި ޒުވާނުންނަށް ދެވުނީ ފާސިގު ޑިމޮކްރަސީއެއް.“
”ކީއްވެ ފާސިގުވީ. މިއަދު އިންތިޚާބު އައިމަ ވަޢުދު ގޯނި. ހަމަ ވަޢުދު ގޯނި ހިފައިގެން ދާންވީ. ކުރީގަ ބުނީ މީ ސަކަރާތޭ, ވަޢުދުވެގެން ނުވާނޭ. މިހާރު ފެންނަނީ ހަމަ އިންތިޚާބަށް ވީމާ އެއްކަލަ ބޮޑު ކަތީބު އެދަނީ ހުޝާމަދު ކުރަން. މިހާރު ބޮޑު ކަތީބަކީ އައްޑޫ މޭޔަރު، ފުވައްމުލަކު މޭޔަރު ދެންހުރި އަނެއް ތަނުގެ އަނެއް މީހަކު.“ ޑރ.ޖަމީލު ވިދާޅުވިއެވެ.
ޖަމީލު އިތުރަށް ވިދާޅުވީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި އިންތިޚާބެއް އައުމުން ކަޑަ ޖައްސަވަނީ ކަމަށް ބުނެ ފާޑު ކީ އެމްޑީޕީން ކޮންމެ އިންތިޚާބެއް ބޯމަތިވުމުން ”ގިފިލިތެރޭގައި“ އެއާޕޯޓެެއް އަޅަން ވަޢުދުވާ ކަމަށެވެ.
މީގެއިތުރުން ރާއްޖޭގަ ވެރިކަން ކުރައްވާފައިވާ ބޭފުޅުން ޖަލަށްލާފައި ގަދަބާރުން ވެރިކަން ކުރުމުގެ ނިޒާމަކީ ރާއްޖެ ދަންނަ ނިޒާމެއްނޫން ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ. އަދި އެ ނިޒާމަށް ތަންނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވީ ފުލުހުންގެ ޒިންމާއަކީ އެއީ ހަމައެކަނި އެތާގަ ތިިބި ސިޔާސީ ވެރިން އިދިކޮޅު ލީޑަރުގެ މައްޗަށް މަތިމައްޗަށް ތަޙްޤީޤުކުރުން ކަމަށްވާނަމަ އެކަން ކަމަކު ނުދާ ކަމަށެވެ. އަދި ދައުލަތުން ކުށްވެރިންނަށް ތިބި މީހުން ހެކިންނަށް ހެދީމާ އެ ކަން ކަމަކު ނުދާ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.
ހަމައެހެންމެ އެފްރިކާގެ ޤައުމުތަކުގައި ހަރަކާތްތެރިވާ ގޮތަށް ރާއްޖޭގައި ފުލުހުން މަސައްކަތް ކުރީމާ އެކަން ވެސް ކަމަކު ނުދާ ކަމަށާއި، ޕްރޮސެކިއުޓާ ޖެނެރަލްއަކީ ސިޔާސީ ނުފޫޒުގެ ތެރެއަށް ވަދެވަޑައިގެން ހުންނެވި ބޭފުޅަކަށްވާތީ އެ ކަން ވެސް ކަމަކުނުދާ ކަމަށް ޖަމީލު ވިދާޅުވިއެވެ.
”އެއްގޮތަކަށް ވެސް ކަމަކު ނުދޭ. ކަމަކު ނުދޭ. ކަމަކު ނުދެޔޭ. މަތިމައްޗަށް އެކެއްގެ މައްޗަށް ތަޙްޤީޤުކުރީމަ އެ ކަޑައޭ.“ ޖަމީލު ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވި ގޮތުގައި ސިސްޓަމެއް ނުހިނގައެވެ. އެހެންނޫންނަމަ ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފެއް ވެސް ކެބިނެޓަކު ނުހުންނަވާނެ ކަމަށާއި، ސިސްޓަމް ހިނގާނަމަ ތުހުމަތު ކުރެވޭ ”ޢާއިޝާއެއް އާމިނައެއް“ ވެސް ނީންނާނެ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.
ތީހަމަރަގަޅުވާހަކައެއް