ފޭސްތަކަކަށް ބަހާލައިގެން ތިލަފުށިން ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ބިން ގަތުމުގެ ފުރުސަތު ހުޅުވައިލުމަށް ނިންމާފައިވާ ކަމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) މިއަދު ބުނެފިއެވެ.
އެޗްޑީސީން ބުނީ ބީލަމުގެ އުސޫލުން ފުރަތަމަ ވިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށި ޒޯން A ގައިވާ ބިންތައް ކަމަށެވެ.
ބިން ވިއްކުމަށް ހަމަޖެހިފައިވާ އުސޫލު:
އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބީލަން ހުށަހެޅުން. (ދިވެހިން އަދި ބޭރުގެ ފަރާތްތައް ހިމެނޭހެން)
ބީލަން ކާމިޔާބު ކުރާ ފަރާތަކީ ދިވެހި ފަރުދެއް/ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކުވުން.
ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރުގެ ފަރުދެއް/ ބޭރު ކުންފުންޏެއް ނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރުން.
ބީލަން ހުށަހެޅޭ އެންމެދަށް އަގަކީ އަކަފޫޓަކަށް 1700 ރުފިޔާ.
ބިން ވިއްކުމަށް ހަމަޖެހިފައިވާ މަރުހަލާތައް:
މަރުހަލާ 1: ޝައުގުވެރިވެލަށްވާ ބިމަށް އެކްސްޕްރެޝަން އޮޕް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުން.
މަރުހަލާ 2: އީއޯއައި ހުށަހަޅާފައިވާ ބިމަށް ބިޑްކުރުން.
އެޗްޑީސީން ބުނީ ބީލަމުގެ އުސޫލުން ބިންގަތުމަށް ކުރިމަތިލުމަށް ހަަމަޖެހިފައިވަނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ކަމަށެވެ. އެ ޕޯޓަލް ޢާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މި މަހުގެ 07 ގައި ކަމަށާއި، އެ ދުވަހުގައި ޕޯޓަލްއާ ގުޅޭ އިތުރު މަޢުލޫމާތާއި، ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު އެ ކޯޕަރޭޝަނުގެ ވެބްސައިޓާއި، ގެޒެޓްގައި ޝާއިއުކުރާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.