ފެންނަނީ ދީން ހަތިޔާރަކަށް ހަދައިގެން އުޅޭ ޕާޓީތައް ކަމަށާއި، ނަމަވެސް އިދިކޮޅު ކޯލިޝަނަކީ ދީން ހަތިޔާރަކަށް ހަދާނެ ކޯލިޝަނެއް ނޫންކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ފެށި ”ހޯޕް ކޮންފަރެންސް“ ފެށުމުގެ ރަސްމިއްޔާތުގައި ޝިޔާމް ވިދާޅުވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އަސާސްތައް ބިނާވެފައިވަނީ އިސްލާމްދީނަކީ ހިމާޔަތް ކުރަންޖެހޭ އެއްޗެއްކަން ގަބޫލުކޮށްގެން އޭގެ މަތީގައި ކަމަށެވެ.
”އަޅުގަނޑުމެން ދީން ހަތިޔާރަކަށް ހަދައިގެން މަސައްކަތެއް ނުކުރަން. އަޅުގަނޑުމެންނަށް މި ފެންނަނީ ދީން ހަތިޔާރަކަށް ހަދައިގެން އުޅޭ ޕާޓީތައް. މިސްކިތްތަކަށް ގަޟާހާޖާ ކުރާއިރު ވެސް އެ މީހުންނާ ވާކަމެއް ނޫން.“
”އެކަމު އަޅުގަނޑުމެންނަކީ އިސްލާމްދީން އެއީ ހިމާޔަތް ކުރަންޖެހޭ އެއްޗެއްކަން ގަބޫލުކޮށްގެން އިސްލާމްދީނުގެ މަތީގަ އަޅުގަނޑުމެންގެ އަސާސްތައް މި ބިނާކުރަނީ. ވަކިން ޚާއްސަކޮށް އެނގިވަޑައިގަންނަވާނެ ރައީސް ޔާމީންގެ ޒަޢާމަތުގައި ދިވެހިރާއްޖޭގަ އިސްލާމްދީން ހިމާޔަތްކުރެއްވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅު.“
ދީނީ ކަންތައްތަކުގައި އެމަނިކުފާނު ގެންގުޅުއްވި މިންގަނޑުތަކާއި، ދީނީ ތަޢުލީމު އަށަގެންނެވުމަށްޓަކައި އަދި ދީނީ ތަޢުލީމު އުނގަންނައިދެއްވުމަށްޓަކައި އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުން ކޮންމެހެން މިސާލު ގެންނަން ނުޖެހޭ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރައީސް ޔާމީން އިސްލާމިކް ޔުނިވަރސިޓީއެއް އުފެއްދެވި ކަމަށާއި ވަޢުޟު ވިދާޅުވުމަށްޓަކައި ބޭރުން ބޭފުޅުން ގެންނަވައިގެން ވަރަށް ގިނަ ޕްރޮގްރާމްތައް ވެސް ހިންގެވި ކަމަށެވެ. އެމަނިކުފާނު ޒަޢާމަތް ނިންމަވައިލެއްވީ އިސްލާމްދީނުގެ ޙައްޤުގައި ވިދާޅުވާންޖެހޭ ބަސްފުޅެއްގައި އެންމެ ފިޔަވަޅެއް ވެސް ފަހަތައްޖެހިވަޑައިނުގަންނަވައި ކަމަށް ވެސް ނައިފަރު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.