ޙަޤީޤަތުގައި ޖަލަށް ލައިގެން އުޅެނީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމެއް ނޫން ކަމަށާއި ޖަލަށް ލައިގެން އުޅެނީ ރާއްޖޭގެ މިނިވަންކަން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިއަދު މެންދުރުފަހު ބޭއްވި ”ހޯޕް ކޮންފަރެންސް“ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
”އަޅުގަނޑު ފުރަތަމަ ދަންނަވައިލަން އޮތީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ އެދިވަޑައިގަތުމެއް. އެމަނިކުފާނު އެދިވަޑައިގަންނަވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނަށް ދިވެހި ޤައުމުދެކެ ލޯބިވާ އެންމެހާ ޢިއްޒަތްތެރިންގެ އަރިހުން އެއްގޮތަކަށް ވެސް މާޔޫސްވެވަޑައިނުގަންނަވަން.“ ވާހަކަ ފަށްޓަވަމުން އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީން އެދިވަޑައިގަތީ ދިވެހި ޤައުމު އަޅުވެތިކަމުގެ ދަށަށް ދިއުމަށް އާއެކޭ ވިދާޅުނުވުމަށް ކަމަށާއި، ބިންތަކާއި، ފަޅުތަކާއި، ހަރުމުދާ ދިވެހިންގެ ބާރު ނުފޯރާ ގޮތަށް ދޫވެގެންދާއިރު ބައްލަވަން ނުތިއްބެވުމަށް ކަމަށެވެ. އަދި މިނިވަންކަމަށްޓަކައި ހުރިހާ ބޭފުޅުން އެންމެ ފަހު ނޭވާއާ ހަމައަށް މަސައްކަތް ކޮށްދެއްވުމަށް ކަމަށެވެ.
”ޖަލަށް ލައިގެން މި އުޅެނީކީ ރައީސް ޔާމީނެއް ނޫން. ޖަލަށް ލައިގެން މިއުޅެނީ ރާއްޖޭގެ މިނިވަންކަން. ޖަލަށް ލައިގެން އުޅެނީ ދިވެހި ޒުވާނުން މާދަމާއަށް ކުރަމުންދާ އުންމީދު. ޖަލަށް ލައިގެން މިއުޅެނީ ދިވެހިން ދިވެހި ޤައުމާ ދޭތެރޭ ކުރަމުންދާ އުންމީދު.“ އަދުރޭ އިތުރަށް ވިދާޅުވިއެވެ.
މީގެއިތުރުން އަދުރޭ ވިދާޅުވީ އަނިޔާވެރިންގެ ކުރިމަތީ ރައީސް ޔާމީން ކުޑަކަކޫ ނުޖައްސަވާނެ ކަމަށެވެ. އަދި ރައީސް ޔާމީން ހުންނެވީ އެމަނިކުފާނު މި ޤައުމަށްޓަކައި ވެވަޑައިގަންނަވާ މަތިވެރި ޤުރުބާނީގައި ތަންފުކެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާ ގޮތަށް ކަމަށާއި އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ ޤައުމު އަޅުވެތިކަމުގެ ދަށަށް ދިޔަ ނުދެއްވައި ރައްޔިތުންނަށް މި ޤައުމު ފޯރުކޮށްދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ކުޑަކޮށް ވެސް މަޑު ޖައްސައިނުލެއްވުމުގެ ވިސްނުންފުޅުގައި ކަމަށެވެ.
އަދުރޭ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ޖަލުގައި އޮންނަވަން ޖެހިވަޑައިގެންފައިވާ މައިގަނޑު ސަބަބަކީ އެއީ ކަމަށެވެ. ނަމަވެސް ކޮންމެ ޤައުމަކުން ނަމަވެސް ދިވެހިންގެ މިނިވަންކަމާ ކުޅެފިއްޔާ އެ ބަޔަކާ ދިމާއަށް ނޫނެކޭ ވިދާޅުވުމުގެ ހިތްވަރާއި ކެރުންތެރިކަން ރައީސް ޔާމީންގެ ކިބައިގައި ހުންނާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.