ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީން ވަކިކޮށްގެން ނުވާނެ ކަމަށް އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސް ދާއިރާގެ ރައީސް އަދި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ވާދަކުރައްވައި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމުން އެ މަނިކުފާނަށް ތާއީދު ކުރައްވަން ދެކޮޅު ހައްދަވައި ޕާޓީތެރޭގައި އަމިއްލަ ސިޔާސީ ހަރަކާތެއް ހިންގެވުމަށް ރައީސް ނަޝީދު ނިންމެވުމާ ގުޅިގެން ޕާޓީން ނަޝީދު ބޭރުކުރަން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) މިއަދު ވަނީ ގޮވާލައްވައިފައެވެ.
އެ ގޮތުން އަކްރަމް ކުރެއްވި ޓުވީޓެއްގައި ވިދޅުވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަދި ދިވެހިރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު އެއްވެސް ހާލަތެއްގައި ޕާޓިން ވަކިކޮށްގެން ނުވާނެ ކަމަށެވެ.
”އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ދިވެހިރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު [ރައީސް ނަޝީދު] އެއްވެސް ހާލަތެއްގައި ޕާޓިން ވަކިކޮށްގެން ނުވާނެ.“
އަކްރަމުގެ ވާހަކައާ ގުޅިގެން މޫސަ ވިދާޅުވީ ވަކި މަޤާމެއް މީހަކު އަދާކޮށްފައިވާތީ ޕާޓީން ވަކިނުކުރެވޭނެ ކަމަކަށް އެމްޑީޕީގެ އަސާސީ ގަވާއިދުގައެއް ނޯންނަ ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ކަމުގައި ޕާޓީގެ މެންބަރަކު ހުންނަވަނިކޮށް ވެސް ވަކިކުރި ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
”ފިޔަވަޅު އަޅާ ކޮމެޓީން ތިޔަ ގޮތް ދެކޭނަމަ ހާދަ ފައްކާ އިންސާފެކޭތީ“ މޫސަ ވިދާޅުވިއެވެ.