ވަކި ބޭފުޅަކަށް ކާމިޔާބުވަންދެން އިންތިޚާބު ބޭއްވުމަކީ އެމްޑީޕީން ދެކޮޅު ހެދިކަމެއް ކަމަށާއި ދެން ވެސް ދެކޮޅު ހަދާނެ ކަމެއް ކަމަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވައި ޕާޓީތެރޭގައި އަމިއްލަ ސިޔާސީ ހަރަކާތެއް ހިންގެވުމަށް ކުރައްވަ މަސައްކަތްތަކަށް ޢިޝާރަތްކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމާއި ވޯޓު ހޯދައި ދިނުމަށް މަސައްކަތަކުރުމާއި ވޯޓުދިނުމަކީ ޕާޓީގެ ހުރިހާ މެންބަރުންގެ މަސްއޫލިއްޔަތެއްކަން އެމްޑީޕީގެ އަސާސީ ގަވާއިދުގެ 16 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވީ ނަމަވެސް، ނަޝީދު އަމާޒު ހިފާފައި ހުރީ ”ފިކުރެއްގެ ދިރުން“ ގެ ނަމުގައި ގޮފިތައް އުފައްދަވައި އެއަށްފަހު ކޮންގްރެސްއަކަށް ގޮސް ރިޔާސީ އިންތިޚާބުގައި ކުރިއަށްދާނެ ގޮތެއް ނިންމެވުމަށެވެ.
އެމްޑީޕީގެ އެންމެ އިސް ގުނަވަނަކީ ކޮންގްރެސްއެވެ. ކޮންގްރެސް ބައްދަލުވާނީ ކޮންމެ 5 އަހަރަކު އެއް ފަހަރުއެވެ. އެހެން ނަމަވެސް އެމްޑީޕީގެ އަސާސީ ޤަވާއިދުގެ ޝަރުތުތަކުގެ މަތިން ކޮންގްރެސްގެ އާދަޔާޚިލާފު ޖަލްސާއެއް ކޮންމެ ވަގުތެއްގައި ވެސް ބޭއްވިދާނެއެވެ.
”އާދަޔާ ޚިލާފު ކޮންގްރެސްއަކަށް ގޮވޭނީ ޤައުމީ މަޖިލީހުން. ޤައުމީ މަޖިލީހުގެ މެޖޯރިޓީއަށް މި ޕާޓީގެ އަސާސީ ގަވާއިދު ސާފު. ވަކި ބޭފުޅަކަށް ކާމިޔާބު ވަންދެން އިންތިޚާބު ބޭއްވުމަކީ އެމްޑީޕީން ދެކޮޅު ހެދިކަމެއް. އަދި ދެން ވެސް ދެކޮޅު ހަދާނެ ކަމެއް. ރިޔާސީ ޕްރިމަރީ ނިމި ކެންޑިޑޭޓް ހޮވައިފި.“ ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ޕާޓީގެ އެންމެހައި މެންބަރުންގެ ނިންމުމަކަށްވުރެ ކޮންގްރެސް ބޮޑެއް ނުވާނެ ކަމަށެވެ. އަދި މުޅި ޕާޓީގެ މެންބަރުން ވޯޓުލައިގެން ނިންމާ ކަމެއް ކޮންގްރެސްއަށް ބަދަލުކުރެވޭނީ ކިހިނަކުންތޯ އޭނާ ސުވާލު ކުރެއްވިއެވެ.
ނަޝީދަށް އަމާޒު ކުރައްވައި ރޮޒައިނާ ވިދާޅުވީ ޕާޓީގެ ޢާންމު މެންބަރުން ގޮތް ނިންމީމާ ދެން އޮތް ރީތި އަދި ބުއްދިވެރި ގޮތަކީ ޑިމޮކްރަސީއަށް ތަބާވެވަޑައިގަތުން ކަމަށެވެ