ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިޔާ ސަރަހައްދުގައި ގާއިމުކުރާ ޕާކުތަކުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.
އެޗްޑީސީން މިހާރު އަންނަނީ ހިޔާ ސަރަހައްދުގައި ކުޑަ ކުދިންނަށް ޙާއްސަ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން އެ ކޯޕަރޭޝަނުން އަންނަނީ އެ ޕާކުގައި ކުޑަ ކުދިން ކުޅޭނެ ގިނަ އާ ސާމާނުތައް ބަހައްޓައި އާ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ހަމަޖައްސަމުންނެވެ.
ހަމައެއާއެކު ހިޔާ ޓަވަރުތަކުގެ މެދުގައި ހުންނަ ހުސް ޖާގަތައް އެދެވޭ ގޮތެއްގައި ބޭނުން ކުރުމަށްޓަކައި ޓަވަރުތަކުގައި ދިރިއުޅޭ ޢާއިލާތަކާއި ގުޅިގެން ޕޮކެޓް ޕާކުތަކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް އެ ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.
އެޗްޑީސީން ބުނީ އެ ސަރަހައްދުތަކުގައި ގަސް އިންދައި, ޢާންމުންނަށް ބޭނުން ހިފޭނެ ގިނަ ކަންތައްތަކެއް ހިމެނިފައިވާނެ ކަމަށެވެ. އަދި އެ ކޯޕަރޭޝަނުން ނިންމާފައިވަނީ ޕޮކެޓް ޕާކުތައް ސީދާ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީ ކުރުމުގެ މަގު ފަހި ކޮށްދިނުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.