މާލޭގެ މަގުތައް ކޮނުމުގެ މަސައްކަތާއި، ޖަންކްޝަންތަކުގެ މަތި ނަގައިގެން ކުރާ މަސައްކަތާއި މަގު ބަންދުކޮށްގެން ކުރާ މަސައްކަތްތަކަށް ނަގާ ފީ މާލޭ ސިޓީ ކައުންސިލުން %154 ބޮޑުކުރުމާ ގުޅިގެން ސްޓެލްކޯއިން އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ ގްރޭޓާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް ލިބޭ ޚިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި މާލޭ ސިޓީ ކައުންސިލުން ޤާނޫނާއި ޚިލާފަށް ޢަމަލުކުރަން ފަށާފައިވާ ދެ އުސޫލެއް ބާތިލު ކުރުމަށް އެ ކުންފުނީގެ ފަރާތުން މިއަދު ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން ޢާންމުކޮށް މަސައްކަތް ކުރުމާއި, މަގު ބަންދުކޮށްގެން ކުރާ މަސައްކަތްތަކާ ގުޅިގެން އުސޫލެއް އެކުލަވާލައި މާލޭ ސިޓީ ކައުންސިލުން އެ އުސޫލަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ޖަނަވަރީ 01 އިން ފެށިގެންނެވެ. ނަމަވެސް އެ އުސޫލު ގެޒެޓްކޮށްފައިވަނީ 02 ވަނަ ދުވަހުއެވެ.
އެކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޝަރީފް އިއްޔެ ވިދާޅުވީ އެއީ ސިޓީ ކައުންސިލަށް އިއުލާނުކުރެވޭނެ އަދި އަމަލުކުރެވޭނެ އުސޫލެއް ނޫން ކަމަށެވެ. އަދި އެއީ ބާތިލު އުސޫލެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ޢާންމުކުރި އުސޫލުގައިވާ ގޮތުން ދުވާރު ކޮނުމަށް ކުރިން ފީއެއް ނުނެގިޔަސް މިހާރު ފޫޓަކަށް 25 ރުފިޔާ ނަގާނެއެވެ. އަދި މަގު ބްލޮކް ނަގައިގެން ކޮނުމަށް މިހާރު ފޫޓަކަށް 100 ރުފިޔާގެ ފީއެއް ނަގާނެ ކަމަށާއި، މަގު ބަންދު ބޯޑު ބަހައްޓާނަމަ މިހާރު 300 ރުފިޔާ ނަގާނެ ކަމަށެވެ. ނަމަވެސް އެކަމަށް ކުރިން ނަގަނީ 150 ރުފިޔާއެވެ.
ޝަރީފް ވިދާޅުވ މަގު ކޮނުމުގެ މަސައްކަތަށް ކުރިން ނެގި އަގުތަކަށް ބަދަލު ގެނައުމުން ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށެވެ.
ނަމަވެސް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވީ މަގުމަތީގައި ކުރާ މަސައްކަތްތަކުން އަގު ނެގުމަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ ކުންފުނިތަކުގެ ޢިމާރާތްތަކާއި ގުޅޭ މަސައްކަތް ތަކުން ކަމަށެވެ. އަދި ޢާންމު ރައްޔިތުންގެ ގޭގެއަށް ކަރަންޓު ކޭބަލް ވެއްދުމާއި، ފެން ގުޅުމާއި، އެކިކަންކަމުގައި ކޭބަލް ވެއްދުމަށް މަގު ކޮނުމަކަށް އަގެއް ނުނަގާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.