ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ކެތްމަދުވެފައި ތިއްބެވި ކަމަށް
ހޯޕް ކޮންފަރެންސްގައި ބައިވެރިވުމަށް ލ.ފޮނަދޫން ވަޑައިގެންނެވި ބޭފުޅުން ވިދާޅުވެފައިވާ ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ބާއްވާ ”ހޯޕް ކޮންފަރެންސް“ ފަށާނީ މިއަދު މެންދުރު 13:30 ގައެވެ.
މި ކޮންފަރެންސްގައި 1000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.
މަންދޫބުންގެ ތެެރޭގައި ހިމެނެނީ ދާއިރާ ރައީސުންނާއި، ދާއިރާ ނައިބު ރައީސުންނާއި، ޒުވާނުންގެ ރައީސުންނާއި، އަންހެނުންގެ ރައީސުންނާއި، ސެނެޓަރުންނާއި، ކައުންސިލަރުންނާއި، ޑަބްލިއުޑީސީ މެންބަރުންނެވެ.
އަދުރޭ މިއަދު ވިދާޅުވީ ހޯޕް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ފޮނަދޫން ވަޑައިގެންނެވި ބޭފުޅުން ވިދާޅުވަނީ ދިވެހީން އެދޭ ފަދަ ދިވެހި ޤައުމެއް ބިނާކޮށް ދެވޭނެ ހަމަ އެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށް ކަމަށެވެ. އަދި އެ ބޭފުޅުން ތިއްބެވީ ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ކެތްމަދުވެފައި ކަމަށް ފޮނަދުއަށް ނިސްބަތްވެވަޑައިގަންނަވާ އަދުރޭ ވިދާޅުވިއެވެ.