އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށާއި އެކަން ބަދަލުކުރެވޭނެ ގޮތްޕެއް ނާންނާނެ ކަމަށް އައްޑޫ ސިޓީ މަަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެެއެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދާ ވާދަކުރައްވައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ޕާޓީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވީ އިންތިޚާބުގައި ވޯޓު ދިން މީހުންގެ %61 އާއެކުއެވެ.
ނަމަވެސް އެއީ %39 ލިބިވަޑައިގަތް ނަޝީދު ގަބޫލު ކުރައްވާ ނަތީޖާއެއް ނޫނެވެ. އިންތިޚާބު ގަޑުބަޑުކޮށްފައިވާ ކަމުގެ ތުހުމަތާއެކު ނަޝީދު ގެންދަވަނީ ޕާޓީތެރޭގައި އަމިއްލަ ސިޔާސީ ހަރަކާތެއް ހިންގެވުމަށް މަސައްކަތް ކުރައްވަމުންނެވެ.
އެ ގޮތުން ”ފިކުރެއްގެ ދިރުން“ ގެ ނަމުގައި ގޮފިތައް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު އަމާޒަކީ އެ ގޮފިތަކަށް މަދުވެގެން 50,000 މެންބަރުން ހަމަކުރެއްވުމެވެ. އަދި ކޮންގްރެސްއަކަށް ގޮސް ރިޔާސީ އިންތިޚާބުގައި ކުރިއަށްދާނެ ގޮތެއް ނިންމެވުމެވެ.
”އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޞާލިޙް. އެއީ ޕްރައިމަރީގައި އެމްޑީޕީ ޢާންމު މެންބަރުން ނިންމި ގޮތް. އެ ބަދަލު ކުރެވޭނެ ގޮތްޕެއް ނޯންނާނެ.“ ޢާންމު މެންބަރުން ނިންމާ ގޮތަކީ ފަހުގެ ނިންމުންކަން ފާހަގަ ކުރައްވައި ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.
އަދި ޕްރައިމަރީއެއް ބާއްވައި ޢާންމު މެންބަރުން ގޮތެއް ނިންމުމުން އެމްޑީޕީގެ ގޮތްޕަކަށް ވެސް އެއްވެސް ގުނަވަނަކަށް ވެސް އެ ނިންމުން ”އޯވަރ ރޫލެއް ނުކުރެވޭނެ“ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ޕްރައިމަރީއެއް ބޭއްވުމަށްފަހު ދެން ޤައުމީ މަޖިލީހަކަށް ވެސް ޤައުމީ ހިންގާ ކޮމިޓީއަކަށް ވެސް ކޮންގްރެސްއަކަށް ވެސް ކެންޑިޑޭޓް ބާތިލެއް ނުކުރެވޭނެ ކަމަށެވެ.