އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަށަވަރު ކުރުމަށް ބޭއްވި ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރައްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވީ މިދިޔަ މަހުގެ 28 ގައެވެ. އެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވަނީ 57,255 މެންބަރުންނަށެވެ. ވޯޓު ލާފައިވަނީ 40,878 (%71.41) މެންބަރުންނެވެ. ބާޠިލް ވޯޓުގެ ޢަދަދަކީ 680 އެވެ.
ރައީސް މުޙައްމަދު ނަޝީދާ ވާދަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އިންތިޚާބު ކާމިޔާބު ކުރެއްވީ %22 ގެ ތަފާތަކުން ކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ.
އެ ނަތީޖާއިން ދައްކާ ގޮތުން ރައީސް ޞާލިޙަށް ލިބިވަޑައިގަތީ އިންތިޚާބުގައި ވޯޓުލީ މީހުންގެ %61.10 އެވެ. އެއީ 24,566 ވޯޓެވެ. ނަޝީދަށް ލިބިވަޑައިގަތީ %39.90 އެވެ. އެއީ 15,641 ވޯޓެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަދި އިންތިޚާބާބެހޭ ކޮމިޓީގެ މެންބަރު އިބްރާހިމް ވަޙީދު (އިބްރޭ) ވިދާޅުވީ މިހާރު ޢާންމުކޮށްފައިވާ ނަތީޖާއަށް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.
”މިހާރު ޢާންމުކޮށްފަ އެއޮތް ވަގުތީ ނަތީޖާއަށް އަޅުގަނޑުމެން ބެލި ބެލުމުން އެއްވެސް ބަދަލެއް އައިސްފައެއް ނެތް. އެހެންވީމަ އެ ގޮތަށް މި ދެންނެވިހެން 40,878 މީހުން ވޯޓުލީ. ކާމިޔާބު ކުރައްވާފައި މިވަނީ ކެންޑިޑޭޓް ނަންބަރު ދެއެއް އިބްރާހިމް މުޙައްމަދު ޞާލިޙް. 24566 [ވޯޓުން] އިނގޭތޯ.“ އިބްރޭ ވިދާޅުވިއެވެ.
ނަމަވެސް ރައީސް ނަޝީދު އިންތިޚާބުގެ ނަތީޖާ ގަބޫލެއް ނުކުރައްވައެވެ. ދާދފަހުން ”ދިވެހި ޗެނަލްއަށް“ ދެއްވި ބަސްދީގަތުމެއްގައި ނަޝީދު ވިދާޅުވީ ޕްރައިމަރީ އިންތިޚާބުގައި ވޯޓު ލީ ވަކި ބަޔަކު ހިމެނޭ ގޮތަށް އުފަންކޮށްފައި އޮތް ލިސްޓަކަށް ކަމަށެވެ.
”ޕާޓީގެ 39000 އަށްވުރެ ގިނަ މެންބަރުން ވޯޓާސް ލިސްޓުން އުނިކޮށް ޕާޓީން ވެސް އެމީހުން ވަކިކޮށް ހެދުމަށްފަހުގައި ދެން އެ އޮތް ލިސްޓަށް ފުރަތަމަ ކަމަކަށް ވޯޓުދިނީ.“ ނަޝީދު ވިދާޅުވިއެވެ.
އިންތިޚާބާ ގުޅިގެން 53 މައްސަލައެއް ހުށަހަޅުއްވާފައިވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އޭގެތެރޭގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ކަމަށް ބުނެފައިވާ އޮތް އަދަދަށްވުރެ ގިނައިން ވޯޓުލާފައިވާ މައްސަލަ ހިމެނޭ ކަމަށާއި, އެހެންވީމާ 40 އަށްވުރެ ގިނަ ވޯޓު ފޮށި ބާތިލުވާ ކަމަށެވެ. އަދި އެ ވޯޓުތައް ބާތިލު ކުރުމަށްފަހު, އޭރު ޢާންމުކުރި ވަގުތީ ނަތީޖާ ގުނައިފިނަމަ ރައީސް ޞާލިޙަށް ކާމިޔާބު ލިބިވަޑައިގެންފައި އޮތްތޯ ނެތްތޯ އެއީ ސުވާލު އުފެދޭކަމެއް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.