އެންމެންގެ މައްޗަށް ވެސް ޕާޓީގެ އަސާސީ ގަވާއިދު ހިންގަންޖެހޭ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން މިއަދު ވިދާޅުވެއްޖެއެވެ.
އިކްރާމް މިހެން ވިދާޅުވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތުމުން އެ މަނިކުފާނަށް ތާއީދު ކުރައްވަން ދެކޮޅު ހައްދަވައި ރައީސް މުޙައްމަދު ނަޝީދު ޕާޓީތެރޭގައި ގޮފި އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ އެކަމަށް ޢިޝާރަތް ކުރައްވައެވެ.
އިކްރާމް ވިދާޅުވީ ރިޔާސީ ޓިކެޓް ލިބިވަޑައިނުގަތުމުން އިދިކޮޅުވުމަށް ޕާޓީގެ އެތެރޭގައި ފެކްޝަނެއް އުފެއްދުމަކީ ޕާޓީގެ އަސާސީ ގަވާއިދުގެ 16 ވަނަ މާއްދާގެ (ބ) އާ ޚިލާފަށް ކުރެވޭ ކަމެއް ކަމަށެވެ. އެކަން ފާހަގަކުރައްވައި އޭނާ އިތުރަށް ވިދާޅުވީ އެންމެންގެ މައްޗަށް ވެސް ޕާޓީގެ އަސާސީ ގަވާއިދު ހިންގަންޖެހޭ ކަމަށެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގެ 16 ވަނަ މާއްދާގެ (ބ) ގައި ވާ ގޮތުން ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމާއި ވޯޓު ހޯދައި ދިނުމަށް މަސައްކަތަކުރުމާއި ވޯޓުދިނުމަކީ ޕާޓީގެ ހުރިހާ މެންބަރުންގެ މަސްއޫލިއްޔަތެކެވެ.