އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން 2027 ވަނަ އަހަރުގެ އޭޝިއަން ކަޕް ސައުދީ އަރަބިޔާގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. އެގޮތަށް ހަމަޖެއްސީ ބަހްރެއިންގެ ވެރިރަށް މަނަމާގައި ބޭއްވި އޭއެފްސީ ކޮންގްރެސް ގައެވެ.
އޭޝިއަން ކަޕް ބާއްވަން ވާދަކުރި އިންޑިއާ ޑިސެމްބަރު މަހު ބިޑް އަނބުރާ ގެންދިއުމުން އެ ރޭހުގައި އޮތީ ހަމައެކަނި ސައުދީ އަރަބިޔާއެވެ.
ސައުދީ އަރަބިޔާގެ ކުޅިވަރާ ބެހޭ މިނިސްޓަރ ޕްރިންސް ޢަބްދުލްއަޒީޒް ބިން ތުރުކީ އަލް ފައިސަލް ވިދާޅުވީ އޭޝިއާގެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ބޭއްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ.
ދުނިޔޭގެ ފުޓްބޯޅަ ޖަމްއިއްޔާ ”ފީފާ“ގެ ރައީސް އިންފަންޓީނޯ މަނަމާ ކޮންގްރެސްގައި ވިދާޅުވީ ސައުދީ އަރަބިއްޔާއިން އޭޝިއަން ކަޕް ބާއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ސައުދީ ކުޅިވަރު މިނިސްޓަރ ޢަބްދުލްއަޒީޒް ބިން ތުރުކީ އަލް ފައިސަލް ވިދާޅުވީ އެ ގައުމު ވަރަށް ބޮޑަށް ބަދަލުވަމުންދާ ކަމަށާއި 2027 ވަނަ އަހަރު ވަރަށް ފޯރީގަދަ ފުޓް ބޯޅަ މުބާރާތެއް އެ ގައުމުން ފެނިގެންދާނޭ ކަމަށެވެ.
ޤަޠަރު ވޯލްޑް ކަޕަށް ފަހު ސައުދީން ދަނީ ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
މިދިޔަ މަހު ސައުދީ އަރަބިޔާގައި ބޭއްވި އެކުވެރިކަމުގެ މެޗެއްގައި އާޖެންޓީނާގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީގެ ޓީމު، ޕީއެސްޖީން ވަނީ ޕޯޗުގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނު ސައުދީ ޓީމު ބަލިކޮށް އުފައު ފާޅުކުރުމުގެ ވައިރޯޅިއެއް ވެރިރަށް ރިޔާޟަށް ފަތުރާލާފައެވެ.
ފުޓްބޯޅައަކީ ސައުދީ އަރަބިއްޔާގައި މަގުބޫލު ކުޅިވަރެކެވެ. އަދި ފުޓްބޯޅަ ކުރިއެރުވުމަށް ރޭވުންތެރިކަމާއެކު އެ ގައުމުން ދަނީ މަސައްކަތް ކުރަމުންނެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ސައުދީ އަރަބިޔާއިން ވަނީ ދުނިޔެއަށް މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ އެ ގައުމުގެ ލީގުގައި ކުޅެން ގެންދިއުމުގެ އިތުރަށް ޖިއްދާގެ ފޯމިއުލާ ވަން އާއި ފައިދާހުރި އެލްއައިވީ ގޯލްފް ޓުއާ ފަދަ ކުޅިވަރުގެ ހަރަކާތްތަކަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް އިންވެސްޓްކޮށްގެން ގައުމަށް ކުޅިވަރުން ރީތިނަން ހޯދައިދިނުމުގެ މަސައްކަތް ފަށާފައެވެ.
މިދިޔަ އަހަރު ޤަޠަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސައުދީ އަރަބިޔާއިން ވަނީ އާޖެންޓީނާ އަތުން 2-1 އިން މޮޅުވެ ދުނިޔެ ހައިރާންކޮށްލާފައެވެ.
މިއަހަރުގެ އޭޝިއަން ކަޕް ބާއްވާނީ ޤަޠަރުގައެވެ. ކުރިން މުބާރާތް ބާއްވަން ޗައިނާ ކަނޑައަޅާފައި އޮތަސް ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ޗައިނާގައި މުބާރާތް ނުބާއްވާގޮތަށް ހަމަޖެއްސީއެވެ.
އޭޝިއަން ކަޕް ބާއްވަނީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އެވެ. އެންމެ ފަހުން ބޭއްވި އޭޝިއަން ކަޕްގެ ޗެމްޕިއަނަކީ ޤަޠަރެވެ.