އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީން ބޭރުކޮށްލުމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) މިއަދު ގޮވާލައްވައިފިއެވެ.
މޫސަ މިހެން ގޮވައިލެއްވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތުމުން އެމަނިކުފާނަށް ތާއީދު ކުރައްވަން ދެކޮޅު ހައްދަވައި ޕާޓީތެރޭގައި އަމިއްލަ ސިޔާސީ ހަރަކާތެއް ހިންގެވުމަށް ނަޝީދު ނިންމެވުމާ ގުޅިގެންނެވެ.
ރައީސް ނަޝީދު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕާޓީތެރޭގައި “ފިކުރެއްގެ ދިރުން“ ގެ ނަމުގައި ގޮފިތަކެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެމަނިކުފާނުގެ އަމާޒަކީ އެ ގޮފިތަކަށް މަދުވެގެން 50,000 މެންބަރުން ހަމަކުރެއްވުމެވެ. އަދި އެއަށްފަހު ރިޔާސީ އިންތިޚާބުގައި ކުރިއަށްދާނެ ގޮތެއް ނިންމެވުމެވެ.
ނަމަވެސް އެކަން ކުރާކަށް އެ ޕާޓީގެ އަސާސީ ގަވާއިދު ތަނެއް ނުދެއެވެ. އެކަމަކު ނަޝީދު ވިދާޅުވީ ޕާޓީން އެންގިޔަސް އެކަމެއް ނުހުއްޓުވޭނެ ކަމަށެވެ. އަދި ޕާޓީން އަންގާ އެންގުމަކީ އޭގެ މައްޗަށް އެމަނިކުފާނު އަމަލު ކުރައްވާނޭ އެންގުމެއް ވެސް ނޫން ކަމުގައެވެ.
މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕާޓީގެ ރައީސަކަށް ހުންނަވައިގެން ޕާޓީގެ މެންބަރުންތަކެއްގެ ”ބޮލަށް އެރިގެން“ ކުރިން ވެސް އޮތީ މުޅި ޢުމުރަށް މުސާރަ ލިބިވަޑައިގަންނަވާ މަޤާމެއް ހޯއްދަވައިގެން ކަމަށެވެ. އަދި މިހާރު ނަޝީދުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ”ބާލަފާނެތީ“ އެމަނިކުފާނުގެ ފަހަތްޕުޅުގައި ޕާޓީގެ މެންބަރުން ތިބިކަން ދެއްކުން ކަމަށެވެ.
”މީނަ ޕާޓީން ބޭރުކުރޭ.“ އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް ޞާލިޙަށް ޓެގްކުރައްވައި މޫސަ ވިދާޅުވިއެވެ.