ހަތަރު ރަށެއްގައި ސްވިމިންގ ޕްލެޓްފޯމު ގާއިމުކުރުމަށް ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ހަވާލުކޮށްފިއެވެ.
ޔޫތު މިނިސްޓްރީން އިއްޔެ ސްވިމިންގ އެސޯސިއޭޝަނާއި ހަވާލުކުރީ ހއ.ހޯރަފުށްޓާއި، ހދ.ހަނިމާދުއާއި، ގއ.ވިލިނގިއްޔާއި، އައްޑޫ ސިޓީ މަރަދޫފޭދޫގައި ސްވިމިންގ ޕްލެޓްފޯމު ގާއިމުކުރުމަށެވެ.
އެ ގޮތުން މިނިސްޓްރީން އިއްޔެ ވަނީ އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސްވިމިންގ އެސޯސިއޭޝަނާއެކު ސޮއިކޮށްފައެވެ.
ހޯރަފުށްޓާއި ހަނިމާދޫގައި ސްވިމިންގ ޕްލެޓްފޯމް ގާއިމުކުރަން ހަވާލުކުރީ 1.2 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. ވިލިނގިލީގައި ސްވިމިންގ ޕްލެޓްފޯމް ގާއިމުކުރަން ހަވާލުކުރީ 1.4 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.
މަރަދޫފޭދޫގައި ސްވިމިންގ ޕްލެޓްފޯމް ގާއިމުކުރަން ހަވާލުކުރީ 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.