އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ އެގްޒެކުޓިވް ކޮމިޓީއަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް އިންތިޚާބުވެވަޑައިގެންފިއެވެ.
ގަލްފް ކޮންވެންޝަން ސެންޓަރުގައި ބުދަ ދުވަހު ބޭއްވި އޭއެފްސީގެ އެގްޒެކުޓިވް ކޮމިޓީގެ އިންތިޚާބުގައި ބައްސާމާއި އެކްސްކޯގެ އިތުރު މެންބަރުން އިންތިޚާބުކޮށްފައިވަނީ 2027 ވަނަ އަހަރުގެ ނިޔަލަށެވެ.
އޭއެފްސީގެ 33 ވަނަ ކޮންގްރެސްގައި ބައްސާމް އެކްސްކޯއަށް އިންތިޚާބުވެވަޑައިގަތީ 47 ގައުމަކާ ވާދަކުރައްވައިގެންނެވެ. މި ކޮންގްރެސްގައި އޭއެފްސީގެ ރައީސާއި، ފަސް ޒޯނަކަށް ބަހާލައިގެން އޭއެފްސީގެ ނައިބު ރައީސުންނާއި، ފީފާގެ ހަ ކައުންސިލް މެންބަރުންވެސް ވަނީ އިންތިޚާބުކޮށްފައެވެ. އޭގެ ތެރޭގައި އެއް އަންހެން މެމްބަރަކުވެސް ހިމެނެއެވެ.
ކުލަބު ވެލެންސިއާއަށް 2003 ވަނަ އަހަރު ކުޅުނު ބައްސާމް ވަނީ 2005 އަހަރުން ފެށިގެން 2007 ވަނަ އަހަރުގެ ނިޔަލަށް ވެލެންސިއާ ހިންގުމުގައި އިސްދައުރެއް އަދާކޮއްފައެވެ. އޭގެ ފަހުން 2013 ވަނަ އަހަރު އޭނާ ވަނީ އެ ކުލަބުގެ ނައިބު ރައީސްގެ މަގާމު އަދާކޮއްފައެވެ.
އެފްއޭއެމުގެ ހިންގުމުގެ ތެރެއަށް ބައްސާމް ވަނީ 2015 އަހަރު ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އައްޔަންކުރި ހިސާބުންނެވެ. އޭގެ އަހަރެއް ފަހުން ބައްސާމް ވަނީ އެފްއޭއެމް ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގެންފައެވެ. މިހާރު ހިނގަމުން މިދަނީ އޭނާގެ ރައީސްކުމުގެ ދެވަނަ ދައުރެވެ.