އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ކަމުގައި ކަނޑައަޅާފައިވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ބާއްވާ ކޮންފަރެންސް ފަށާނީ މާދަމާ މެންދުރުފަހު ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
”ހޯޕް ކޮންފަރެންސް“ ކުރިއަށްދާނީ މާދަމާ މެންދުރު 13:30 އިން ފެށިގެން 04 ވަނަ ދުވަހުގެރެއާ ހަމައަށެވެ. އެ ކޮންފަރެންސް ކުރިއަށްދާނީ ދަރުބާރުގޭގައެވެ.
އެއަށްފަހު ކުރިއަށްދާނީ ކޮންފަރެންސްގެ ސެޝަންތައް ކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ހުކުރު ދުވަހު ހަވީރު 15:45 ގައި ކޮންފަރެންސްގެ ތެރެއިން ކުރިއަށްދާ ”ބުންވަރު ހިނގާލުން“ ޕީޕީއެމް އޮފީސް ދޮރުމަތިން ފެށިގެން ކުރިއަށްދާނެ ކަމަށާއި، ހުކުރު ދުވަހުގެ ރޭ އަދި ހޮނިހިރު ދުވަހު ކުރިއަށްދާނީ ކޮންފަރެންސްގެ ސެޝަންތައް ކަމަށެވެ.
”ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހު ރޭގަނޑު 20:30 ގައި އާޓިފިޝަލް ބީޗްގައި.“
ހީނާ ވިދާޅުވި ގޮތުގައި 1000 އަށްވުރެ ގިނަ މަންދޫބުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދާއިރާ ރައީސުންނާއި ދާއިރާ ނައިބު ރައީސުންނާއި ޒުވާނުންގެ ރައީސުންނާއި އަންހެނުންގެ ރައީސުންނާއި ސެނެޓަރުންނާއި ކައުންސިލަރުންނާއި ޑަބްލިއުޑީސީ މެންބަރުންނެވެ.
މީގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މި ކޮންފަރެންސްގައި ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެއެވެ.