ޢާންމު ރައްޔިތުންގެ ގޭގެޔަށް ކަރަންޓު ކޭބަލް ވެއްދުމާއި، ފެން ގުޅުމާއި، އެކި ކަންކަމުގައި ކޭބަލް ވެއްދުމަށް މަގު ކޮނުމަކަށް އަގެއް ނުނަގާނެކަމަށް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުން މިދިޔަ ޖަނަވަރީ 02 ވަނަ ދުވަހު ވަނީ، ”މާލެސިޓީގެ މަގުމަތީގައި މަގު ބަންދު ނުކޮށް އަދި މަގު ބަންދު ކޮށްގެން މަސައްކަތްކުރުމާ ބެހޭ އުސޫލު“ އާއި، ”މާލެ ސިޓީގެ ބިމުން ފެންނަގައި ފެން ބޭރުކުރުމަށް މާލޭ ސިޓީގެ މަގުތަކުގައި އަޅާ ހޮޅިލައިންތަކުގެ ކަންކަން ބެލެހެއްޓުމާއި ބެހޭ އުސޫލު“ އާއި، ”މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން ޢާންމުކޮށް މަސައްކަތް ކުރުމުގެ އުސޫލަށް ޢަމަލު ކުރުމާ ބެހޭ އުސޫލު“ އާއި، “މާލެސިޓީގެ މަގުމަތީގައި ބިއްގަނޑު ޖެހުމުގެ މަސައްކަތް ކުރުމާ ބެހޭ އުސޫލު“ ޢާންމުކޮށްފައެވެ.
އެ އުސޫލުތަކުގައި ވަނީ މަގުމަތީގައި ކުރާ އެކި މަސައްކަތްތަކަށް ނަގާނެ ފީ ކަނޑައަޅާފައެވެ.
މާލޭގެ މަގުތައް ކޮނުމުގެ މަސައްކަތާއި ޖަންކްޝަންތަކުގެ މަތި ނަގައިގެން ކުރާ މަސައްކަތާއި މަގު ބަންދުކޮށްގެން ކުރާ މަސައްކަތްތަކަށް ނަގާ ފީ މާލޭ ސިޓީ ކައުންސިލުން %154 ބޮޑުކުރުމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޝަރީފް މިއަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ޝަރީފް ވިދާޅުވީ މަގު ކޮނުމުގެ މަސައްކަތަށް ކުރިން ނެގި އަގުތަކަށް ބަދަލު ގެނައުމުން ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށެވެ.
ޖަނަވަރީ 01 އިން ފެށިގެން އުސޫލަށް އަމަލުކުރަން ނިންމައި އެ އުސޫލު ގެޒެޓްކޮށްފައިވަނީ 02 ވަނަ ދުވަހުކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ އެއީ ސިޓީ ކައުންސިލަށް އިއުލާނުކުރެވޭނެ އަދި އަމަލުކުރެވޭނެ އުސޫލެއް ނޫން ކަމަށާއި, އެއީ ބާތިލު އުސޫލެއް ކަމަށެވެ. އެ ގޮތުން އެ އުސޫލު ބާތިލުކޮށް އަމަލުކުރަން ނުޖެހޭނެކަމަށް ނިންމުމަށް ކޯޓަށް މައްސަލަ ހުށަހަޅުއްވަން ނިންމަވާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
މުޢިއްޒު މިރޭ ވިދާޅުވީ މަގުމަތީގައި ކުރާ މަސައްކަތްތަކުން އަގު ނެގުމަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ ކުންފުނިތަކުގެ ޢިމާރާތްތަކާއި ގުޅޭ މަސައްކަތް ތަކުން ކަމަށެވެ. އަދި ޢާންމު ރައްޔިތުންގެ ގޭގެއަށް ކަރަންޓު ކޭބަލް ވެއްދުމާއި, ފެން ގުޅުމާއި, އެކިކަންކަމުގައި ކޭބަލް ވެއްދުމަށް މަގުކޮނުމަކަށް އަގެއް ނުނަގާނެ ކަމަށެވެ.