ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރުގެ ކެމްޕޭން ޓީމުން ހުޅުމާލޭގައި ދެމި ބެނާތައް ނެގީ އުސޫލާ ޚިލާފުވުމުން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ބުނެފިއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ޢުމަރު މިއަދު ވިދާޅުވީ ހުޅުމާލޭގައި ދެމި ފޮތިތައް އެޗްޑީސީން ނެގުމަށްފަހު އަންގަވާފައިވަނީ ހުޅުމާލޭގައި ”މި ކެމްޕޭން ގެ ފޮތި ދެމޭނީ ފޮތިގަނޑަކަށް ދުވާލަކަށް 10ރުފިޔާ ދައްކައިގެން“ ކަމަށެެވެ.
”މީގެ ހަފުތާ އެއްހާ ދުވަސް ކުރިން މުޅި ހުޅުމާލޭގެ އެތަން މިތަނުގައި ސަރުކާރު ޕާޓީގެ ދެ ކެންޑިޑޭޓުގެ ފޮތިތައް ދަމާފައިވަނީ މިފަދަ އެއްވެސް ހުރަސްއެޅުމެއް ނެތި. މިއީ ސިޔާސީ ކެންޕޭނެއްގައި ފައިސާ ދައްކައިގެން ފޮތި ދަމަން އެންގި ފުރަތަމަ ފަހަރު.“ ޢުމަރު ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.
މިކަމާ ގުޅިގެން އެޗްޑީސީން ބުނީ ހުޅުމާލޭގައި އިސްތިހާރު ޖެހުމަށާއި އެކި ބޭނުންތަކަށް މަގުމަތީގައި ބެނާ ޖެހުމަށް އުސޫލެއް ކަނޑައެޅުމަށްފަހު އެ ކޯޕަރޭޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ކަމަށެވެ. އަދި ހުޅުމާލޭގައި މި އުސޫލާ ޚިލާފަށް އެ ކޯޕަރޭޝަނުގެ ހުއްދައަކާއި ނުލައި ދަމާފައިވާ މިފަދަ ތަކެތި ކޯޕަރޭޝަނުން ނަގަމުން ގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
މީގެ އިތުރުން ކޮންމެ ފަރާތަކުން ވެސް އެ ކޯޕަރޭޝަނުން ހަދާފައިވާ ގަވާއިދުތަކުގެ ތެރެއިން ހުއްދައަށް އެދުމުން އޮންނަ އުސޫލުގެތެރެއިން ހުއްދަދޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.