އަމީނިއްޔާ ސްކޫލުގެ ފުޓްސެލް ދަނޑުގެ ވަށައިގެން ގާ އެތުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
އެޗްޑީސީން މިއަދު ބުނީ އެ މަސައްކަތް ކުރަމުންދަނީ އެ ކޯޕަރޭޝަންގެ ސީ.އެސް.އާރުގެ ދަށުން ކަމަށެވެ. އަދި އޭގެ އިތުރުން ސްކޫލްތަކާއި ގުޅިގެން މިފަދަ ގިނަ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަމީނިއްޔާ ސްކޫލުގެ ފުޓްސެލް ދަނޑުގެ ބޭރުން އޮންނަ ބައިގައި ފެންގަނޑު ހެދި, ވެލިގަނޑުތެރޭގައި ކުދިން އުޅެ ހަދަންޖެހޭކަން ފާހަގަކުރައްވައި އެޗްޑީސީގެ ސްޕަވައިޒަރެއް ކަމަށްވާ ޝުޖާއު ޢަލީ ވިދާޅުވީ އެ ތަނުގެ މަސައްކަތް ދެތިން ދުވަހެއްގެތެރޭގައި ނިންމައިލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މިކަމާ ގުޅިގެން އަމީނިއްޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ސުވައިބަތު ސަޢީދު ވިދާޅުވީ އެ ސްކޫލުގެ ފުޓްސެލް ދަނޑަކީ ވަރަށް ފަހުން އެޅުނު ދަނޑެއް ކަމަށާއި ދަނޑުގެ ވަށައިގެން ގާ އެޅުމަށް ވަރަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެ ގޮތުން އެޗްޑީސީއަށް އެކަން ހުށަހެޅުމުން އެ ކުންފުނިން އެ ރިކުއެސްޓު ވަރަށް އަވަހަށް ގަބޫލުކޮށްފައިވާ ކަމަށާއި, އެ މަސައްކަތް ކުރަމުންދާތީ ޝުުކުރު އަދާކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.