އއ.މަތިވެރި، ރިވެލި، ޙަސަން ޢަލީ (ހަސަންފުޅުބޭ) ގެއްލުނު ޚަބަރާއެކު މުޅި ރަށަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ. ނަމަވެސް 926 މީހުންގެ އާބާދީއެއް ދިރިއުޅޭ މަތިވެރީގެ ރައްޔިތުންގެ އަޒުމާއި އުންމީދަކަށް ބަދަލެއް ނާދެއެވެ. ހިތްވަރު ދުލެއް ނުކުރެއެވެ. ދުވަސްވީ މީހާއާ ހިސާބުން ފެށިގެން ކުޑަކުދިންނަށް ދާންދެން ނުކުމެ ދަނީ ހަސަންފުޅުބޭގެ ޚަބަރެއްވޭތޯ މަސައްކަތް ކުރަމުންނެވެ.
މީގެ ގަރުނެއްވަރު ކުރިން ގިނަ ހާދިސާތަކެއް ހިނގައި ރަށް ނާމާންވެ މީހުން ހުސްވުމަށްފަހު އަލުން އާބާދުވި ރަށެއް ކަމަށް ބުނާ މަތިވެރީ ހަސަންފުޅުބޭ ގެއްލުނީ އިއްޔެގެ ވަގުތެއްގައެވެ.
ޢާންމު ގޮތެއްގައި ދާ އަޅައިގެން މަސް ހިފަން ގޮސް އުޅޭ ޙަސަންފުޅުބޭ އެންމެ ފަހުން ލައިގެން ހުރީ މުށިކުލައިގެ ގަމީހަކާއި ކަށިމައްޗާ ހިސާބަށް އަރާ ސޯޓުބުރިއެއް ލައިގެން ކަމަށް ރަށުގެ ބައެއް މީހުން ބުނެއެވެ.

މަތިވެރީ ކައުންސިލުގެ ރައީސް އަޙްމަދު އަސްލަމް މިރޭ ”ދިޑެއިލީ“ އަށް ވިދާޅުވީ ހަސަންފުޅުބޭގެ ޚަބަރެއް އަދި ނުވާ ކަމަށެވެ.
”ޑަބަލްކޮށް ވެސް މިހާރު ބެލިއްޖެ. މިއީ ދެން މާ ބޮޑު ރަށެއް ވެސް ނޫންތާ.“ 21.9 ހެކްޓަރު ހުންނަ އެ ރަށުގެ އެކި ތަންތަން މިއަދު ބަލާފައިވާކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވިއެވެ.

”ދެން މިރޭ 20:15 ގަ [މަސައްކަތް ފަށާނީ]. މިއަދު އެއްކޮށް ފަޅުތެރެއާ އެއްކޮށް ބަލައި ނިންމައިލީ. ކޯސްޓުގާޑާ އެއްކޮށް މިރޭ ޕްލޭނެއް ހަދާފަ އަނެއްކާ ވެސް ކުރިއަށްދާންވީ ގޮތެއް ނިންމާނެ.“ ކައުންސިލް ރައީސް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ޢާންމު ގޮތެއްގައި ކޮންމެ ދުވަހަކު ވެސް ޙަސަންފުޅުބެ ބަނދަރު ސާފުކުރަން ނިކުންނަ ކަމަށާއި އޭނާ އެ ތަނުން ފެނުނު ކަމަށް ބައެއް މީހުން ބުނާ ކަމަށެވެ. އަދި ކޮންމެ ރެއަކު ވެސް މަޣްރިބު ނަމާދަށްފަހު ދޮށީ ދަރިފުޅު ކައިރިއަށް ދާނެ ކަމަށާއި ނަމަވެސް ރޭގައި ނުދާ ކަމަށެވެ.

”އެހެންވީމަ އިއްޔެ ޢަޞުރު ކުރިން ކަމަށް މި ބަލަނީ އެންމެ ފަހުން ފެނުނީ.“ ޢުމުރުން 65 އަހަރަށްވުރެ ދޮށީ ހަސަންފުޅުބޭ އެންމެ ފަހުން ފެނުނު ވަގުތާގުޅޭ ގޮތުން އަސްލަމް ވިދާޅުވިއެވެ.
ހަސަންފުޅާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މަތިވެރީ ކައުންސިލުގެ ރައީސްގެ ނަންބަރު 9935959 އަދި ކައުންސިލް އިދާރާގެ ނަންބަރު 6660058 އަށް ގުޅުމަށް މަތިވެރީ ކައުންސިލުން ވަނީ އެދިފައެވެ.