ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އިގުތިސާދީ ތަރައްޤީގެ މިސްރާބު ކަނޑައަޅުމަށް ފިނޭންސް މިނިސްޓަރަށް ލަފާ އެރުވުމަށް އިކޮނޮމިސްޓެއް ހޯދަން އެ މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެ މަޤާމުގެ މުސާރައިގެ ގޮތުގައި މަހަކު 19,800 ރުފިޔާ އާއި އެލަވަންސްގެ ގޮތުގައި މަހަކު 11,340 ރުފިޔާ ލިބޭނެ ކަމަށެވެ. މީގެއިތުރުން އިކޮނޮމިސްޓް މަޤާމުގެ ހާޒިރީ އެލަވަންސަށް 307 ރުފިޔާ ލިބޭނެ ކަމަށެވެ. މި އެލަވަންސަކީ ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފު އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް ދޭނެ އެލަވަންސެކެވެ.
މަސްއޫލިއްޔަތުތަކުގެ ތެރޭގައި:
ތަރައްޤީގެ ޤައުމީ ޕްލޭންތަކަށް ރިޢާޔަތްކޮށް ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ނިންމަންޖެހޭ ނިންމުންތައް ކަނޑައަޅައި އެ ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި ބޭނުންވާ ދިރާސާއާއި ޑޭޓާ އެނަލިސިސް ހެދުން.
އިކޮނޮމިކް ފޯކާސްޓިންގ އަދި އިކޮނޮމިކް އެނަލިސިސް އެކުލަވާލުމުގެ މަސައްކަތް ކުރުމަށާއި ފިސްކަލް ޕޮލިސީތައް ވިލަރެސްކޮށް ތަފާތު ދާއިރާތަކުގެ އިކޮނޮމިކް އިވެލުއޭޝަންތައް ހެދުން.
އިކޮނޮމިކް އެނަލިސިސްތަކުގެ އަލީގައި ދައުލަތުގެ މާލީ ސިޔާސަތު ކަނޑައެޅުމަށް އެހީތެރިވުމަށާއި އިގުތިސާދީ ސްޓްރެޓެޖީތަކާއި އުސޫލުތައް އެކުލަވާލައި އެކަންތައްތައް ތަންފިޒުކުރަމުންދާ ގޮތް މޮނިޓަރ ކުރުން.
މަޤާމުގެ ޝަރުތުތަކުގެ ތެރޭގައި މަޤާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައި ހުންނަން ޖެހެއެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 09 ވަނަ ދުވަހެވެ.