ހުޅުމާލޭގައި ގަވާއިދާއި ޚިލާފަށް ޕާކު ކޮށްފައިވާ އުޅަނދުތަށް ޓޯ ކުރުމުގެ މަސައްކަތް މިއަދު ފަށާފައިފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ހުޅުމާލޭގައި ގަވާއިދާއި ޚިލާފަށް އުޅަނދުތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ގިނަ ދަތިތަކަކާ ކުރިމަތިވަމުން އަންނާތީ މިދިޔަ ޑިސެމްބަރު މަހުގެ 02 ވަނަ ދުވަހު އެޗްޑީސީން ވަނީ ގަވާއިދާއި ޚިލާފަށް ޕާކު ކޮށްފައިވާ އުޅަނދުތަށް ބަލައި ސާވޭ ރިޕޯޓެއް އެކުލަވާލައިފައެވެ.
އަދި ހުސްބިންތަކާއި ޕާކިން ޒޯނުތަކާއި މަގުތަކުގައި ގަވާއިދާއި ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތަކާއި ހަލާކުވެފައި ހުރި އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ކަމާބެހޭ މުއައްސަސާއާ ގުޅިގެން އެ ކޯޕަރޭޝަނުން ކުރިއަށްގެންދާނެ ކަމަށް ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހު އެޗްޑީސީން ބުނެފައިވެއެވެ.
އެ ކުންފުނިން މިއަދު ބުނީ ހުޅުމާލޭގައި ގަވާއިދާއި ޚިލާފަށް ޕާކު ކޮށްފައިވާ އުޅަނދުތަށް ޓޯ ކުރުމުގެ މަސައްކަތް މިއަދު ފަށާފައިފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން މިއަދު ނަގަން ފަށާފައިވަނީ އިންޖީނު އަދި ރަޖިސްޓްރީ ބޯޑު ނެތް ގަވާއިދާ ޚިލާފަށް މަގުމައްޗަށް ދޫކޮއްލާފައިވާ އުޅަނދުތައް ކަމަށް އެ ކުންފުނިން ބުންޏެވެ.