އިމިގްރޭޝަން ދާއިރާގައި ނަޒާހަތްތެރިކަން ކުރިއަރުވައި އިދާރީ ހިންގުމުގެ ތެރެއިންނާއި، ޚިދުމަތް ދިނުމުގައި ކޮރަޕްޝަނަށް އޮތް ހިރާސް ކުޑަކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، މޯލްޑިވްސް އިމިގްރޭޝަނާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
އިމިގްރޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭސީސީ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސްއާދަމް ޝާމިލެވެ. އިމިގެރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން (ހަނަފީ) އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭސީސީގެ މެންބަރު ޝިޔާމާ މުޙައްމަދު ވިދާޅުވީ މި ފަހުމުނާމާގެ ދަށުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވެނީ އޭސީސީގެ ތަޙުޤީޤުތަކަށް މަޢުލޫމާތު ހޯދުމުގައި އިމިގްރޭޝަންގެ ޑޭޓާބޭސްތަކަށް ކަނޑައެޅޭ ވަކި ލިމިޓެއްގެ ތެރެއިން ނަމަވެސް އޭސީސީއަށް އެކްސެސް ދެވިގެން ދިއުން ކަމަށެވެ.
މުޙައްމަދު އަޙްމަދު ޙުސައިން ވިދާޅުވީ އިމިގްރޭޝަން ފަދަ މުހިންމު ޚިދުމަތެއް ފޯރުކޮށްގެން ތިބޭ މުއްސަސާއެއްގެ ކޮންމެ މުވައްޒަފަކީ ވެސް ނަޒާހަތްތެރިކަން އިސްކޮށް, ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު މަސައްކަތްކުރަންޖެހޭ މީހަކަށް ވާންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފަހުމުނާމާގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ތަމްރީނުތަކުގެ ސަބަބުން ކޮރަޕްޝަންގެ އަމަލުތަކަށް އިތުރަށް ހޭލުންތެރިވެ މުވައްޒަފުންނަށް ވެސް އެދެވޭ ތަޖުރިބާއާއި ތަމްރީނު ލިބިގެންދާނެއެވެ.
އޭސީސީން ބުނީ ފަހުމުނާމާގެ ދަށުން އެ ކޮމިޝަނުން ކުރަމުންގެންދާ ތަޙުޤީޤުތަކާ ގުޅިގެން ކޮމިޝަނަށް އެއްބާރުލުން ދިނުމާއި، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެވި އެ މަގުސަދު ހާސިލުކުރެވޭނޭ ގޮތެއްގެ މަތިން ކުރާނޭ މަސައްކަތްތައް ކަނޑައެޅިގެންދާނެއެވެ. އެ ގޮތުން ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދިމާވާ ކަންކަމުގައި ފީޑްބެކް ޕްރޮސެސްއެއް ގާއިމުކޮށް ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުމާއި، ދެ މުއައްސަސާއިން ކުރިއަށްގެންދާ ތަމްރީނު ޕްރޮގުރާމްތަކުގައި ދެ މުއައްސަސާގެ މުވައްޒަފުން ބައިވެރިކުރުމުގައި ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުން ހިމެނެއެވެ.