މާލޭގެ މަގުތައް ކޮނުމުގެ މަސައްކަތާއި، ޖަންކްޝަންތަކުގެ މަތި ނަގައިގެން ކުރާ މަސައްކަތާއި މަގު ބަންދުކޮށްގެން ކުރާ މަސައްކަތްތަކަށް ނަގާ ފީ މާލޭ ސިޓީ ކައުންސިލުން %154 ބޮޑުކުރުމާ ގުޅިގެން ސްޓެލްކޯއިން އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.
މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން ޢާންމުކޮށް މަސައްކަތް ކުރުމާއި، މަގު ބަންދުކޮށްގެން ކުރާ މަސައްކަތްތަކާ ގުޅިގެން އުސޫލެއް އެކުލަވާލައި މާލޭ ސިޓީ ކައުންސިލުން އެ އުސޫލަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ޖަނަވަރީން ފެށިގެންނެވެ.
އެ އުސޫލުގައިވާ ގޮތުން ދުވާރު ކޮނުމަށް ފޫޓަކަށް 25 ރުފިޔާ ނަގާނެއެވެ. ނަމަވެސް ދުވާރު ކޮނުމަށް ކުރިން ފީއެއް ނުނަގައެވެ. ކުރިން ފީއެއް ނުނެގި ނަމަވެސް މަގު ބްލޮކް ނަގައިގެން ކޮނުމަށް މިހާރު ފޫޓަކަށް 100 ރުފިޔާގެ ފީއެއް ނަގާނެއެވެ. މަގު ބަންދު ބޯޑު ބަހައްޓާނަމަ މިހާރު 300 ރުފިޔާ ނަގާނެއެވެ. ކުރިން ނަގަނީ 150 ރުފިޔާއެވެ.
ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޝަރީފް ވިދާޅުވ މަގު ކޮނުމުގެ މަސައްކަތަށް ކުރިން ނެގި އަގުތަކަށް ބަދަލު ގެނައުމުން ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ ޖަނަވަރީ 01 އިން ފެށިގެން ނިންމައި އެ އުސޫލު ގެޒެޓްކޮށްފައިވަނީ 02 ވަނަ ދުވަހު ކަމަށާއި ރައްޔިތުންނަށް މާލީ ބުރަކަމެއް އަންނަ އުސޫލެއް ޢާންމުކުރުމުގެ މުއްދަތެއް ދިނުން މުހިންމު ކަމަށެވެ. ޝަރީފް ވިދާޅުވީ އެއީ ސިޓީ ކައުންސިލަށް އިއުލާނުކުރެވޭނެ އަދި އަމަލުކުރެވޭނެ އުސޫލެއް ނޫން ކަމަށާއި, އެއީ ބާތިލު އުސޫލެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުން އެ އުސޫލު އެކުލަވައިލީ އެލްޖީއޭއާ ވެސް މަޝްވަރާ ނުކޮށެވެ.
އެހެންކަމުން އުސޫލު ބާތިލުކޮށް އަމަލުކުރަން ނުޖެހޭނެކަމަށް ނިންމުމަށް ކޯޓަށް މައްސަލަ ހުށަހަޅުއްވަން ނިންމަވާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.