މިިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެމްޓީސީސީން 125 މަޝްރޫޢުއެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފިއެވެ.
އެ ކުންފުނީގެ މިދިޔަ އަހަރުގެ ފަހު ކުއާޓާގެ މާލީ ރިޕޯޓުން ދައްކާ ގޮތުން 125 މަޝްރޫޢުއެއްގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، އަށް މަޝްރޫޢުއެއް ވަނީ ނިންމައިފައެވެ.
ފަހު ކުއާޓާގައި ކުރިއަށް ގެންދިޔަ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ ބަނދަރު ހެދުމުގެ 46 މަޝްރޫޢު، ބިން ހިއްކުމުގެ 14 މަޝްރޫޢު, ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 29 މަޝްރޫޢު އަދި އެއާޕޯޓު ތަރައްޤީކުރުމުގެ 05 މަޝްރޫޢުއެވެ.
ފަހު ކުއާޓާގައި ނިންމި މަޝްރޫޢުތަކުގެ ތެރޭގައި ހއ.ހޯރަފުށްޓާއި ހދ.ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުއާއި، ގއ.ދާންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ހިމެނެއެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީން ވަނީ ފާއިތުވެދިޔަ 42 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. އެ ގޮތުން އެ ކުންފުނިން ވަނީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި، އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.