ފިރިހެނަކު ކޮޓަރިއަށް ގެންގޮސް އޭނާގެ ބަރަހަނާ މަންޒަރު ނަގައި ބިރުދައްކައިގެން ފައިސާ ފޭރުނު މައްސަލައިގައި އަންހެނަކު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދަޢުވާ އުފުލީ ގދ.ގައްދޫ އެތުމާގޭ އާމިނަތު ނަޒުމާއާއި އިތުރު ދެ މީހެއްގެ މައްޗަށެވެ.
ދަޢުވާގެ ޚުލާސާ:
23 ޖަނަވަރީ 2021 ގައި ނަޒުމާއާއި އިތުރު ބަޔަކުވެގެން ނަޒުމާގެ ފޯނުން މ.ލުނބޯމާގޭ އުތުރުބައި މުޙައްމަދު ނާޞިރުގެ ފޯނަށް ގުޅައި ބައްދަލުކުރަން ބޭނުންވާ ކަމަށް ބުނި.
ގެސްޓުހައުސްއެއްގައި ނަޒުމާ އޭރު ހުރި ކޮޓަރިއަށް މުޙައްމަދު ނާޞިރު ދިއުމުން އޭނާގެ ބަރަހަނާ މަންޒަރު ފޮޓޯ ނަގައި ފޭސްބުކަށް ލާނެކަމަށް ބުނެ ބިރުދެއްކި.
ނާޞިރުގެ ފޯނު އަތުލައި ގއ.ނިލަންދޫ ޖަނބުރޯޒުގޭ ސާދިޔާ ޔޫސުފްގެ ބޭންކް އެކައުންޓަށް ނާޞިރުގެ އެކައުންޓުން 2000 ރ. ޓްރާންސްފާކުރި.
ނާޞިރުގެ ވޮލެޓުން 350 ރ. ނަގައި އޭނާގެ ސަމްސަންގ ގެލެކްސީ އެސް 9 ޕްލަސް ފޯނު ފޭރިގަތް.
ނަޒުމާ ވަނީ ފޭރުމުގެ ކުށުގެ ދަޢުވާއަށް އިއުތިރާފުވެފައެވެ. އެ ގޮތުން އޭނާއަށް މިއަދު ވަނީ 07 މަހާއި 06 ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފައެވެ.
ކޯޓުން ވަނީ ދެން ތިބި ދެ މީހުންގެ ބައި އެހެން ޤަޟިއްޔާއަކުން ބަލަން ނިންމައިފައެވެ.