ޤައުމީ އެއާރލައިން މޯލްޑިވިއަނުން ހަނިމާދޫ އެއާރޕޯޓަށް ރޭގަނޑު ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފިއެވެ.
އަންނަ މަރިޗު 1 ވަނަ ދުވަހުން ފެށިގެން ޤައުމީ އެއާރލައިން މޯލްޑިވިއަނުން ހަނިމާދޫ އެއާރޕޯޓަށް ރޭގަނޑު ކުރާ ހުރިހާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލަނެ ކަމަށާއި ހަނިމާދޫ ޓުރިވެންޑުރަމް ދަތުރުތައް ވެސް މިއާއެކު މެދުކަނޑާލަނެ ކަމަށް މޯލްޑިވިއަނުން މިކަން ހާމަކޮށް ނެރުނު ބަޔާނުގައިވެއެވެ.
1 މަރިޗުގެ ފަހަށް ޓިކެޓް ނަންގަވާ ބޭފުޅުންނަށް މޯލްޑިވިއަން ކޯލްސެންޓަރ މެދުވެރިކޮށް ދަތުރުގެ ކަންކަން ހަމަޖައްސައި ދޭނެ ކަމަށާއި މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މޯލްޑިވިއަނުން ވަނީ މާފަށްއެދިފައެވެ.
މޯލްޑިވިއަނުން މި ނިމުން ނިންމާފައި ވަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުންނެވެ.

މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2,460 މީޓަރުގެ އާ ރަންވޭއަކާއި 111,000 އަކަފޫޓުގެ ޒަމާނީ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ. އަދި 624,000 އަކަފޫޓުގެ އޭޕްރަންއަކާއި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވިގެންދާނެއެވެ.
މި މަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި، ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.