ކުޅުދުށްފުށި ސިޓީ ހިމެނޭ ސަރަހައްދާއި ލ.ފޮނަދޫ ހިމެނޭ ސަރަހައްދުގައި ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެއްޖެއެވެ.
ރާއްޖޭގެ ވައި ނުސާފުވުމަކީ ކޮންމެ އަހަރަކު ހުޅަނގު މޫސުން ނިމި އިރުވައި މޫސުމަށް ބަދަލުވާ ދުވަސްވަރު ކުރިމަތިވާ ކަމެކެވެ.
އެޗްޕީއޭއިން މިއަދު ވަނީ ވައި ސާފުކަމުގެ މިންވަރު ބެލުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް ޓެކްނޮލޮޖީގެ ލިންކުން iqair.com/maldives ނުވަތަ IQAir Visual އެޕް އަޅުއްވައިގެން ބެލުމަށް އެދިފައެވެ. އަދި ވައި ނުސާފު މިންވަރަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
“އައިކިއުކެއާ“ އިން ދައްކާ ގޮތުން ކުޅުދުށްފުށްޓާއި ލ.ފޮނަދޫގެ ސަރަހައްދުގައި ވައި ސާފުކަމުގެ މިންވަރު ހުރީ ސިއްހަތަށް ނުރައްކާތެރިވާ މިންވަރު (200-151 އާ ދެމެދުގައި) ގައެވެ. އެ މިންވަރުގައި ހުންނައިރު ޢާންމުކޮށް އެންމެންނަށް ހިތަށާއި ފުއްޕާމެއަށް ނޭދެވޭ އަސަރުކުރުމާއި ބަލި ހާލަތު ގޯސްވުމުގެ ފުރުސަތު ބޮޑެވެ.
ވައި ނުސާފުވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުން ސަލާމަތްވުމަށް ގެއިން ބޭރުގައި އުޅުން މަދުކުރުމުގެ މުހިންމެވެ. އަދި ބޭރުގައި އުޅޭ ވަގުތު މާސްކު އެޅުން މުހިންމެވެ.