ބައިނަލްއަގުވާާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ އަހަރު ޖޫންމަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސްއަަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިޚް ފަޟްލޫން މުޙައްމަދާއި ޝައިޚް އާދަމް ނިޝާންގެ މައްޗަށް ކުރާ ދަޢުވާތަކުގެ ޝަރީޢަތް ލައިވްކޮށްދިނުމަށް އެ ދެ ބޭފުޅުންގެ ފަރާތުން އެދިވަޑައިގެންފިއެވެ.
ޝައިޚް ފަޟްލޫނާއި ޝައިޚް ނިޝާންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ދަޢުވާއެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިއަދު 09:00 ގައި ވަނީ ބާއްވައިފައެވެ. މިއީ މި މައްސަލައިގައި ބޭއްވި ދެވަނަ އަޑުއެހުމެވެ.
ފުރަތަމަ އަޑުއެހުމުގައި ދެ ބޭފުޅުން ވަޑައިގެންނެވީ ޤާނޫނީ ވަކީލަކާ ނުލައެވެ. ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވެވަޑައިގަންނަވާ ކަމަށް އެ ދެ ބޭފުޅުން އެ ދުވަހު ވިދާޅުވުމުން އެކަމަށް ފުރުސަތު ދިނުމަށްފަހު އަޑުއެހުން ނިންމައިލީއެވެ.
މިއަދުގެ އަޑުއެހުމަށް ދެ ބޭފުޅުން ވެސް ހާޒިރުވެވަޑައިގަތީ ވަކީލަކާއެކުއެވެ. ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ދެ ބޭފުޅުން ތަމްސީލު ކުރައްވާ ވަކީލު ޢަލީ ސަޢީދު އެދިވަަޑައިގަތީ ޝަރީޢަތް ލައިވްކޮށްދިނުމަށާއި, ލިޔެކިޔުންތައް ދިރާސާކުރަން ފުރުސަތެއް ދިނުމަށެވެ.
އެ ގޮތުން މައްސަލަ ބައްލަވާ ގާޒީ ޙުސައިން ފާއިޒު ރަޝާދު ވިދާޅުވީ ދެން އަޑުއެހުމެއް ބޭއްވޭނީ މާޗުމަހުގައި ކަމަށާއި އެ އަޑުއެހުމުގައި ޝަރީޢަތް ލައިވްކުރުމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި ދަޢުވާތަކަށް ޖަވާބުދާރީވުމަށާއި, ދިފާޢީ ހެކި ހުށަހަޅަން ބޭނުންވާނަމަ އެކަމަށް ތައްޔާރުވެގެން އައުމަށް ވެސް ގާޒީ އެންގެވިއެވެ.
ފަޟްލޫނާއި ނިޝާންގެ މައްޗަށް އުފުލާފައިވާ ދަޢުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލު ޙުކުމެއް އަންނާނެއެވެ.