ބޭނުންފުޅުވާހައި ގޮތަކަށް ސަރުކާރު ހިންގަވާކަށް ރައީސުލްޖުމްހޫރިއްޔާއަކަށް އިޚްތިޔާރެއް ލިބިވަޑައެއް ނުގަންނަވާ ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
”ދިވެހި ޗެނަލް“ އަށް ރޭ ދެއްވި ބަސްދީގަތުމެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ އެމްޑީޕީގެ ރައީސް ކަމަށާއި، އިބްރާހިމް މުޙައްމަދު ޞާލިޙަކީ އެމްޑީޕީގެ ކެންޑިޑޭޓަށް ވެވަޑައިގަތުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި ބޭފުޅެއް ކަމަށެވެ.
”ރައީސުލްޖުމްހޫރިއްޔާއަކަށް އިޚްތިޔާރެއް ލިބިވަޑައެއް ނުގަންނަވާ އެ ބޭނުންފުޅުވާ ގޮތަކަށް ސަރުކާރު ހިންގަވާކަށެއް.“
ނަޝީދު ވިދާޅުވީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަވައިގެން އިންތިޚާބުވެވަޑައިގެން ހުންނެވީތީ ވެރިކަން ހިންގުމާ ގުޅޭ މަޝްވަރާތައް ޕާޓީތެރޭގައި މާ ގިނަވާންޖެހޭނެ ކަމަށެވެ.
ނަމަވެސް ވެރިކަން ހިންގުމުގައި ޕާޓީގެ ބައިވެރިވުން މާ ކުޑަވީ ކަމަށާއި, އެ ގޮތުން ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ދާއިރާތަކުގެ ރައީސުންނަކީ ޕާޓީތެރޭގައި އެ ބޭފުޅުންގެ ބަސްވިކޭ ބޭފުޅުން ކަމަށާއި ނަމަވެސް ސަރުކާރުގެ ސިޔާސަތެއްގެތެރޭގައި އެ ބޭފުޅުންގެ ބަސް ނުވިކޭކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.