އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބަންގްލަދޭޝް މީހެއްގެ މައްޗަށް އުފުލި ދަޢުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދަޢުވާ އުފުލީ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސަހަޖަންގެ މައްޗަށެވެ.
އޭނާގެ މައްޗަށް މި ދަޢުވާ އުފުލީ 2020 ސެޕްޓެމްބަރު 13 ވަނަ ދުވަހުގެ 14:30 ހާއިރު ކުއްޖާގެ ގެއަށް ހެދުމެއްގެ ފަތިޖަހަން ގޮސް ކުއްޖާގެ މިންނަގަން ޖެހޭކަމަށް ބުނެ ކުއްޖާގެ ގައިގާ މިން ނަގަމުން ގޮސް ކުއްޖާގެ އުރަމަތީގައި ހިފައި, ކުއްޖާ ހިފެހެއްޓުމަށްފަހު ކުއްޖާގެ އުރަމައްޗަށް ފިއްތައި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލާފައިވާކަމުގެ ތުހުމަތުގައެވެ.
ޝަރީޢަތުގެ މަޖިލީހުގައި އޭނާ ވަނީ ދަޢުވާއަށް އިންކާރުކޮށްފައެވެ.
ކޯޓުން އިއްޔެ ބުނީ ދަޢުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެއްކާއި ޤަރީނާއިން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށް ސަހަޖަންގެ މައްޗަށް ސާބިތު ކުރުމަށް ބޭނުންވާ މިންވަރަށް ޝަރީޢަތަށް ހެއްކާއި ޤަރީނާ ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އެ ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވާ ކަމަށެވެ.