ޗައިނާގެ އެންމެ ބޮޑު އެއް އެއާރލައިން ކަމަށްވާ، ޗައިނާ ސަދަން އެއާރލައިންސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނަ މި އެއާރލައިންގެ ދަތުދުތައް ރާއްޖެއަށް ކުރަނީ ޗައިނާގެ ގުއަންޒޯ ބަތްޔުން އިންޓަނޭޝަނަލް އެއާރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށެވެ.
ހަފްތާއަކު 3 ދަތުރު ރާއްޖެއަށް ބާއްވާ އިރު މި ދަތުރުތައް ރާއްޖެއަށް ބެއްވުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުދަ ދުވަހުގެ އިތުރުން ހުކުރު ދުވަހެވެ.
1988 ވަނަ އަހަރު އުފެއްދި ޗައިނާ ސަދަން އެއާރލައިނަކީ ޗައިނާ ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް އެއަރލައިންގެ އިތުރުން، ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ބޮޑު އެއް އެއާރލައިންނެވެ. މި އެއާރލައިންގެ ފުލީޓުގައި 652 މަތިންދާ ބޯޓުއޮވެއެވެ. ޗައިނާ ސަދަން އެއާރލައިންއަކީ ޗައިނާ ސަރުކާރުން ކޮންޓްރޯލްކުރާ 96 ކުންފުނީގެ ތެރެއިން ކުންފުންޏެކެވެ.
ޗައިނާ ސަދަންގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމަށް ތައްޔާރު މި ވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ޗައިނާގައި އަޅާފައިވާ ފިޔަވަޅުތަކަށް ޖަނަވަރީ މަހުގެ 8 ވަނަ ދުވަހުން އެ ޤައުމުގެ ސަރުކާރުން ލުއިދިނުމާގުޅިގެނެވެ.
ޗައިނާ ސަދަން އެއާރލައިންސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވަމުން އަންނަ އިރު ޗައިނާގެ ލޯކޮސްޓު އެއާރލައިން ”ބެއިޖިންގ ކެޕިޓަލް އެއާރލައިން“ގެ ހުދުހުންތައް ހުސްވި ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުން ރާއްޖެއަށް ވަނީ ފަށާފައެވެ.