ހުޅަނގުގެ ގައުމުތަކުން ވަރަށް އަވަހަށް ހަމަލާދޭން ބޭނުން ކުރާ ”ޖެޓް ފައިޓަރ“ މަތިންދާ ބޯޓު ޔޫކްރޭނަށް ލިބޭނޭކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ޑެނިސް ޝްމޭހަލް ވިދާޅުވެއްޖެ އެވެ.
ރަޝިއާ- ޔޫކްރޭން ހަނގުރާމައިގައި ރަޝިއާ ދެކޮޅަށް ބޭނުންކުރަން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ޓޭންކްތަކެއް ދޭ ގޮތަށް ހަމަޖެއްސުމުން ޔޫކްރޭނުން މިހާރު ބޭނުން ވަނީ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކެވެ. އެންމެ ފަހުގެ ޒަމާނީ ޖެޓް ފައިޓަރތަކެއް ލިބިއްޖެ ނަމަ ރަޝިއާއާ ދެކޮޅަށް ހަމަލާ ދިނުމުގައި އެ ޖެޓުތައް ބޭނުން ކުރެވިދާނެ އެވެ.
ޔޫކްރޭން ހަނގުރާމައަށް އަހަރެއް ފުރެންދާއިރު ރަޝިއާއާ ދެކޮޅަށް ޔޫކްރޭންގެ ވައިގެ ސިފައިންނަށް އެކަށީގެންވާ ހަމަލާތަކެއް ނުދެވެއެވެ. އަބަދުވެސް ދަނީ ދިފާއު ކުރަމުންނެވެ.
މީޑިއާތަކުން ބުނާ ގޮތުގައި ޔޫކްރެއިންގެ ބޮޑުވަޒީރު އުއްމީދު ކުރައްވަނީ އޭނާގެ ގައުމަށް ހުޅަނގުގެ ޒަމާނީ މަތިންދާބޯޓުތައް ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ހަނގުރާމައިގައި ބޭނުން ކުރާ ޖެޓްތައް ލިބުމުން ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ފަސޭހަވެގެންދާނޭ ކަމަށެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި ޔޫކްރޭންގެ ޕައިލެޓުންނަށް އެ ޖެޓްތައް ބޭނުން ކުރަން 6 މަސް ދުވަހާއި 12 މަސް ދުވަހުގެ ތަމްރީނެއް ދޭންޖެހޭނެ އެވެ.
އެމެރިކާގެ އަސްކަރީ އޮފިޝަލުން ދަނީ ޔޫކްރޭނަށް ޒަމާނީ އެފް-16 މަތިންދާބޯޓު ފޯރުކޮށްދިނުމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކުރަމުންނެވެ.
ޔޫކްރޭނުން ވައިގެ ހަމަލާތައް ވަރުގަދަކުރަން ވިސްނައި ބޭނުންވާ ޒަމާނީ ބޯޓުތައް ހޯދަން ބޭނުން ވިޔަސް ހުޅަނގުގެ ގައުމުތަކުން އެފަދަ ޖެޓުތައް ހޯދުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެއެވެ.
އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ޔޫކްރޭނަށް ދޭން ހަމަޖައްސާފައިވާ ޓޭންކްތަކަކީ ރަޝިއާގައި ބޭނުންކުރާ ޓޭންކްތަކަށް ވުރެ ފެންވަރު ރަނގަޅު ޓޭންކްތަކެކެވެ. ނަމަވެސް މިސައިލާއި ވައިގެ ހަމަލާއިން އެ ޓޭންކްތައް ރަޝިއާއަށް ހަލާކުކޮށްލެވިދާނެ ކަމުގެ ބިރު އެބައޮތެވެ.