އިތުރު ސިޔާސީ ޕާޓީއެއް ނުހައްދަވާނެ ކަމުގައި ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ދިވެހި ޗެނަލްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ފިކުރެއްގެ ދިރުމުގެ ސިޔާސަތުތަކަށް އާ ޕާޓީއެއް ހަދަން ގިނަ ބަޔަކު ބުނަމުންދާކަން ފާހަގަކުރައްވައި އާ ޕާޓީއެއް ހައްދަވައިފާނަންތޯ ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ ”އަޅުގަނޑަކީ އެ މީހާއެއް ނޫން“ ކަމަށާއި އެހެން ޕާޓީއެއް ނުހައްދަވާނެ ކަމަށެވެ.
”އެހެން ޕާޓީއެއް ނުހަދާނަން. އަޅުގަނޑު ހަދާފަ މި އޮތީ އަޅުގަނޑު ބައިވެރިވެ މަސައްކަތް ކުރީ އެމްޑީޕީ ހަދަން.“
”އަޅުގަނޑު ދެކޭ ގޮތުގައި މީ ވަރަށް ރަނގަޅަށް ހެދިފައި އޮތް ވަރަށް ރަނގަޅު ޕާޓީއެއް. މި ޕާޓީ ފަނޑުވެގެން ވެސް ނުދާނެ. މި ފިކުރެއް ވެސް ނުގެއްލޭނެ. ރޫޅިއެއް ވެސް ނުދާނެ.“ ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވަނީ އެމްޑީޕީތެރޭގައި ދެ ފެކްޝަނެއް އުފެދިފައި އޮތް ކަން ފާހަގަކުރައްވައި ދެ ފެކްޝަނާއެކު ކުރިއަށްދާނެ ގޮތެއް ހޯދުމަށް ޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލަށް ގޮވައިލައްވާފައެވެ.