ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކު އިއްތިހާދުވާނެ ބައެއް އަދިއެއް ފެންނާކަށް ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި ރައީސް ޞާލިޙާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓު ކަށަވަރު ކުރައްވާފައިވާ ރައީސް ޞާލިޙްގެ ވިސްނުންފުޅު ހުރީ އިއްތިހާދަކާއެކު ކުރިއަށް ވަޑައިގަތުމަށެވެ.
ދިވެހި ޗެނަލްއަށް ދެއްވި ބަސްދީގަތުމެއްގައި ނަޝީދު ވިދާޅުވީ އިއްތިހާދު ޕާޓީތައް ރައީސް ޞާލިޙަށް ތާއީދު ދެއްވާ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
”ދެން އަޅުގަނޑަށް ފެންނަ ތަނުގަ އެބޭފުޅުން އަމަލުކުރާނީ އެ ގޮތަކަށް ނޫން. ކުރީ ފަހަރު އެއީ ވަކި ޚާއްސަ ހާލަތެއް. ހުރިހާ ސިޔާސީ ލީޑަރުން ހައްޔަރުގަ ތިބީތީ ހުރިހާ ސިޔާސީ ލީޑަރުންގެ ފަރާތުން އެއް ކެންޑިޑޭޓް ނުކުމެ ވާދަކުރީ. އަޅުގަނޑަށް ފެންނަ ތަނުގައި އަދި މަޢުލޫމާތު ލިބިފައިވާ ގޮތުން މިފަހަރު އެބޭފުޅުންގެ މިސްރާބު ހުރީކީ 2018 ގައި އެ ނިންމި ނިންމުމަކަށް ނޫން. ރައީސް ޞާލިޙާއެކު އިއްތިހާދުވާނެ ބައެއް އަދިއެއް ފެންނާކަށް ނެތް.“
އެމްޑީޕީގެ ތެރެއިން އެހާ ބައިވަރު ބައެއް އެއް ކައިރިވެފައި ވަނިކޮށް އަދި އިއްތިހާދު ޕާޓީތަކުގެ ތާއީދު ނެތި ނިކުންނަވައިގެން ކުރިމަތިލާން ޖެހޭނީ ވަރަށް ބޮޑު ދެރައަކާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރު ކޯލިޝަނުގައި ހިމެނެނީ ޖުމްހޫރީ ޕާޓީއާއި އެމްއާރްއެމްއާއި އަދާލަތު ޕާޓީއެވެ. މިއިން އެއްވެސް ޕާޓީއަކުން އަންނަ ރިޔާސީ އިންތިޚާބުގައި ކުރިއަށްދާނެ ގޮތެއް އަދި ހާމައެއް ނުކުރެއެވެ.