އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ކަމަށް ބުނެފައިވާ އޮތް އަދަދަށްވުރެ އިތުރަށް ވޯޓު ހުރި ފޮށިތައް އެ ވެގެންދާނީ ބާތިލު ކަމަށާއި އެހެންކަމުން 40 އަށްވުރެ ގިނަ ވޯޓު ފޮށި ބާތިލުކަމަށް އެ އިންތިޚާބުގައި ވާދަކުރެއްވި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދިވެހި ޗެނަލްއަށް ދެއްވި ބަސްދީގަތުމެއްގައި ނަޝީދު މިރޭ ވިދާޅުވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީން އަސާސީ ދެ މައްސަލައެއް އެބަ ފެންނަ ކަމަށާއި ފުރަތަމަ ކަމަކީ ވޯޓު ލީ ވަކި ބަޔަކު ހިމެނޭ ގޮތަށް އުފަންކޮށްފައި އޮތް ލިސްޓަކަށް ކަމަށެވެ.
”ޕާޓީގެ 39000 އަށްވުރެ ގިނަ މެންބަރުން ވޯޓާސް ލިސްޓުން އުނިކޮށް ޕާޓީން ވެސް އެމީހުން ވަކިކޮށް ހެދުމަށްފަހުގައި ދެން އެ އޮތް ލިސްޓަށް ފުރަތަމަ ކަމަކަށް ވޯޓުދިނީ.“ 39000 މެންބަރުން ވޯޓު ދިނުމުގެ ޙައްޤުން މަހްރޫމު ކުރެވިއްޖެކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވިއެވެ.
އޭގެއިތުރުން އުފަންކޮށްފައިވާ ލިސްޓަށް ވޯޓުލަމުންދިޔައިރު އަނެއްކާ ވެސް ވަރަށް މުހިންމު އަސާސީ މައްސަލައެއް އެބައޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ފާހަގަކުރެއްވި ކަންކަން:
ސައްހަ ވޯޓެއްލުމުގަ ފުރަތަމަ ކަމަކަށް ސައްހަ ލިސްޓެއް އޮތުން.
ވޯޓުލާ މަރުކަޒުގައި ކުރީގަ އިއުލާނުކޮށްފައި އޮތް ލިސްޓު އޮތުން.
އެ ލިސްޓުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ޢަދަދު ހިމެނިފައި އޮތުން.
އަދި ފޮށްޓަށް އެމީހެއްގެ ވޯޓު ކަރުދާސްކޮޅު އެ މީހަކަށް ދޫކުރެވި އެ މީހާ ފޮށްޓަށް ވޯޓުލުން.
ލިސްޓުން ކަނޑާ އަދަދާއި ފޮށީގަ ހުރި އަދަދާއި މިހުރިހާ އެއްޗެއް ދިމާވާންޖެހޭ.
ނަޝީދު ވިދާޅުވީ އިންތިޚާބާ ގުޅިގެން 53 މައްސަލައެއް ކެމްޕޭން ޓީމުން ހުށަހަޅާފައިވާ ކަމަށާއި، އޭގެތެރޭގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ކަމަށް ބުނެފައިވާ އޮތް އަދަދަށްވުރެ ގިނައިން ވޯޓުލާފައިވާ މައްސަލަ ހިމެނޭ ކަމަށެވެ.
”އެހެންވީމާ 40 އަށްވުރެ ގިނަ ވޯޓު ފޮށި އެބަ ބާތިލްވޭ.“
”އެ ބާތިލު ކުރުމަށްފަހު މިހާރު އޮތް ނަތީޖާ ގުނައިފިނަމަ އަޅުގަނޑަށް ހީވަނީ ރައީސް ޞާލިޙަށް ކާމިޔާބު ލިބިފަ އޮތްތޯ ނެތްތޯ އެއީ ސުވާލު އުފެދޭ ކަމެއް.“
ނަޝީދާ ވާދަކުރައްވައި 22 އިންސައްތައިގެ ތަފާތަކުން ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ. 200 އަށްވުރެ ގިނަ ފޮށި ބެހެއްޓި މި އިންތިޚާބުގައި ރައީސް ޞާލިޙް ވަނީ %61 ވޯޓު ހޯއްދަވައިފައެވެ.