ކޮރަޕްޝަން ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރާނެ ދާއިރާތައް ކަނޑައަޅައި އެ މަގުސަދު ހާސިލުކުރުމަށް މަސައްކަތް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެންޓިކޮރަޕްޝަން ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ފަހުމުނާމާގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލެވެ. ޕީސީބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޯޑުގެ ރައީސް އާސިމް މުޙައްމަދެވެ.
އޭސީސީން ބުނީ މި ފަހުމުނާމާގެ ދަށުން އެ ކޮމިޝަނާއި، ޕީސީބީއަށް ޤާނޫނުއަސާސީންނާއި ޤާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި، ޒިންމާތައް އަދާކުރުމުގައި އެއް ފަރާތުން އަނެއް ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި, އެކުގައި މަސައްކަތް ކުރާނެ ދާއިރާތަށް ކަނޑައެޅުމަށާއި, އެ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ގޮތުން ދައުލަތުގެ ކުންފުނިތަކާއި, ދައުލަތް ބައިވެރިވާ ކުންފުނިތަކަށް ތުހުމަތުކޮށް ހުށަހެޅޭ މައްސަލަތަކުގެ ތަޙުޤީޤުތަކުގެ ބޭނުމަށް ލިޔެކިޔުންތަކާއި, މަޢުލޫމާތު ހޯދުމުގައި އެހީތެރިވެދީ އެފަދަ މަޢުލޫމާތުތަކަށް ފަސޭހައިން ވާސިލުވުމަށްޓަކައި ދެ މުއައްސަސާއިން ގުޅިގެން މަސައްކަތްކުރާނެ ގޮތް ކަނޑައަޅާނެ ކަމަށް އޭސީސީން ބުންޏެވެ.
މީގެއިތުރުން އޭސީސީގެ ރިކޮމެންޑޭޝަންތައް ތަންފީޒުކުރުމަށާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގައި ދެ މުއައްސަސާ ގުޅިގެން އަމަލުކުރާނެ ގޮތްތައް ކަނޑައެޅިގެންދާނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.