އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވާފައިވާ އެ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ރައީސް އަދި ދ.މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދާ ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށްދިޔައީ މިއަދުގެ މެންދުރުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ސަން ސިޔާމް އޮފީހުން ނުކުންނެވި މަންޒަރު ބައެއް ނޫސްވެރިންނަށް ވެސް ވަނީ ފެނިފައެވެ. އޭރު ސަން ސިޔާމްގެ އަރިހުގައި ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ހުންނެވިއެވެ.
އެ ބައްދަލުވުން ކުރިއަށް ދިޔަކަން ފާހަގަކޮށް, ބައްދަލުވުމުގެ ތަފްސީލެއް ހޯދައިލަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދަށް ސުވާލު ދެންނެވުމުން ވިދާޅުވީ ރައީސް ޢާންމު ގޮތެއްގައި މަޖިލީހުގެ މެންބަރުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި އެކަން ބައްލަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ފަހުން ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވާތީ އެ ބައްދަލުވުމަކީ ވަކި ކޮންކަމަކާ ގުޅިގެން ބޭއްވެވި ބައްދަލުވުމެއް ކަމެއް ސާފެއް ނޫނެވެ.
ރައީސް ޞާލިޙް ވަނީ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވެވިއްޖެނަމަ ކޯލިޝަން ހައްދަވަން އެކި ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ކުރިން ވިދާޅުވެފައެވެ. ބެލެވޭ ގޮތުން މިއީ އަންނަ ރިޔާސީ އިންތިޚާބާ ގުޅިގެން މަޝްވަރާ ކުރެއްވުމަށް ބޭއްވެވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމާ ގުޅިގެން ސަން ސިޔާމަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވާތީ އޭނާގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވިއެވެ.