ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 25 ވަނަ ދުވަހު އިއްވި ޙުކުމް ކުރިއަށް އޮތް ދެ ހަފުތާއެއްހައި ދުވަސްތެރޭގައި އިސްތިއުނާފަށް ހުށަހަޅުއްވާނެ ކަމަށާއި އަންނަ މާޗު މަހުގައި އެމަނިކުފާނު މިނިވަންވާނެ ކަމަށް ވަކީލުންގެ ޓީމުން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މ.ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވަކީލު އާދަމް ޝަމީމް ވިދާޅުވީ މައްސަލަ އަދިވެސް ދިރާސާ ކުރަމުންދާ ކަމަށާއި ނަމަވެސް އިސްތިއުނާފަށް ހުށަހަޅާނެ ވަކި ދުވަހެއް އަދި ބުނާކަށް ނެތިން ކަމަށެވެ. އެކަމަކު ކުރިއަށް ހަފުތާއެއް ނުވަތަ ދެ ހަފުތާއެއްގެތެރޭގައި އިސްތިއުނާފަށް ހުށަހަޅަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޝަމީމް ވިދާޅުވީ އިސްތިއުނާފަށް ހުށަހެޅުން ލަސްވެގެން ރައީސް ޔާމީން ކަންބޮޑުވެވަޑައިނުގަންނަވާ ކަމުގައެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ވަކީލުންގެ ޓީމުން ހަމަޖެހިގެން ވީހާވެސް ރަނގަޅު އިސްތިއުނާފެއް ހުށަހެޅުމަށް ކަމުގައެވެ.
އިދިކޮޅު ކޯލިޝަނުން މިހާރު ވަނީ ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް އަރުވައިފައެވެ. ނަމަވެސް ޙުކުމް ދެމި އޮތްހައި ހިނދަކު އަންނަ ރިޔާސީ އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެއެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ސުންގަޑި އޮގަސްޓު 3 ގައި ހަމަވާއިރު ދެން އޮތީ ވަރަށް ކުރު މުއްދަތެކެވެ. އެ މުއްދަތުގެ ކުރިން މައްސަލަ ނިމިދާނެކަމަށް ގަބޫލުކުރެއްވޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އިސް ވަކީލު ޑރ.މުޙައްމަދު ޖަމީލް ވިދާޅުވީ ޢާންމު ގޮތެއްގައި ޝަރީޢަތް ދިގު ދެމިގެންދަނީ ދަށު ކޯޓުގައި ކަމުގައެވެ. އަދި އިސްތިއުނާފީ މަރުހަލާގައި ދެތިން އަޑުއެހުމުން ވެސް މައްސަލައެއް ނިންމޭކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން އުންމީދު ކުރަނީ މާޗު ހިސާބުގައި ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށާއި، އެ ހިސާބުގައި މައްސަލަ ނިންމޭނެ ކަމަށް ލަފާކުރަނީ އެއްވެސް ނުފޫޒެއް ނެތ ހުރިހާ ކަމެއް ވެސް އޮންނަ އުސޫލުތަކުގެ ތެރެއިން ކުރިއަށްދާނަމަ ކަމަށް ޖަމީލް ވިދާޅުވިއެވެ.