އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ދިވެހި ސަރުކާރާއި ޕޮލެންޑު ސަރުކާރުން މަޝްވަރާ ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މި މަޝްވަރާތައް ކުރިއަށް ގެންދެވީ ޕޮލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު އެޑަމް ބްރަކޮވްސްކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު ކުރެއްވި ވަދާޢީ ޒިޔާރަތުގައެވެ.
މި ބައްދަވުމުގައި ދެ ބޭފުޅުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއާއި ޕޮލެންޑުގެ ދޭދޭގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
އޭގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާއިންނާއި, ވިޔަފާރިއާއި, ސިވިލް އޭވިއޭޝަނާއި, މީހުން ބިނާކުރުމާއި, މޫސުމީ ބަދަލުކަތަކާއި ގުޅޭގޮތުން ގުޅިގެން މަސައްކަތްކުރުމަށް ވެސް މަޝްވަރާ ކުރައްވައިފައެވެ.
އެ ގޮތުން ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ކުރިޔަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ޕޮލެންޑްގެ ސަފީރު ވިދާޅުވިއެވެ.
ހަމައެހެންމެ ރައީސް ވަނީ ދެ ޤައުމުގެ ގުޅުން ކުރިއެރުވުމަށް ޕޮލެންޑުގެ ސަފީރު ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ރައީސް ވަނީ ކުރިއަށް އޮތް ތަނުގައި ޕޮލެންޑުގެ ސަފީރަށް ކާމިޔާބީއަށް ވެސް އެދިވަޑައިގެންފައެވެ.