އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގައި މިއަދު ވައި ނުސާފުވެ ލޮލަށް ދުރު ފެންނަ މިންވަރު ދަށްވެފައިވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޢާންމުކޮށް އުތުރުން ވައިޖެހެމުންދާއިރު, އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގައި ވައި ނުސާފުވެ ލޮލަށް ދުރު ފެންނަ މިންވަރު ދަށްވެފައިވާ ކަމަށެވެ.
މެޓް އޮފީހުން ބުނީ ޢާންމު ގޮތެއްގައި 10 ކިލޯމީޓަރަށްވުރެ ދުރު ފެނުނު ނަމަވެސް މުއަދު ހެނދުނު 07:00 އިން ފެށިގެން މެދުރާއްޖެތެރެ ހިމެނޭ ސަރަހައްދުގައި މި މިންވަރު އެވްރެޖްކޮށް 4 ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށެވެ.
ދުރު ފެންނަ ނިސްބަތް ދަށްވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވާރޭވެހުން މުހިންމު ދައުރެއް އަދާކުރާ ކަމަށް މެޓް އޮފީހުން ބުންޏެވެ. އިރުވައި މޫސުމުގެ ގިނަ ދުވަސްތަކުގައި ޢާންމުކޮށް ރާއްޖޭގެ ސަރަހައްދުގެ ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވާ ކަމަށް ވެސް އެ އިދާރާއިން މަޢުލޫމާތުދެއެވެ.