މިދިޔަ އަހަރުގެ ޖޫންމަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ބޭއްވި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިޚް ފަޟްލޫން މުޙައްމަދާއި ޝައިޚް އާދަމް ނިޝާންގެ މައްޗަށް ކުރާ ދަޢުވާތަކުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.
އެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ 09:00 އަށެވެ. މާދަމާ އޮންނާނީ ދަޢުވާތަކަށް ޖަވާބުދާރީވުމެވެ.
”އަޅުގަންޑުމެންނާއި ދެކޮޅަށް މި ސަރުކާރުން ދަޢުވާކުރާ ޓެރަރިޒަމް މައްސަލައިގެ އަޑުއެހުމެއް މާދަމާ ހެނދުނު 09:00 އަށް ތާވަލުކޮށް ކޯޓަށް ހާޒިރުވުމަށް ދާދި ދެންމެއަކު ކޯޓުން އަންގައިފި.“ ޝައިޚް ނިޝާން މިއަދު ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.
ފަޟްލޫނާއި ނިޝާންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ދަޢުވާއެވެ. އެ ދަޢުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލު ޙުކުމެއް އަންނާނެއެވެ.
ޔޯގާ ހަރަކާތް ބޭއްވި ދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކުރިއެވެ. އޭގެތެރެއިން 18 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ އޮކްޓޫބަރު 03 ގައެވެ.
މި މައްސަލައިގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލްގެ މައްޗަށް ވެސް ވަނީ ދަޢުވާ އުފުލައިފައެވެ. އެއީ ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދަޢުވާއާއި، ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދަޢުވާއެވެ.
މިމީހުންނަށް އުސްމާނުވެސް، އަލީވެސް، މުއާވިޔާވެސް ކަމަކު ނުދިޔައެވެ. އެއީ ކޮންބަޔެއް ހެއްޔެވެ؟ މިއީ މިޒަމާނުގެ އެބައިމީހުންނެވެ.