ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރަން ގޮވާލައި ކުރަމުން އަންނަ އިހުތިޖާޖުތައް ނިންމައިލާނީ އެމަނިކުފާނަށް އިންސާފު ލިބިވަޑައިގަތުމުން ކަމަށް ޕީއެންސީގެ ރައީސް އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެެއެވެ.
ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި ރައީސް ޔާމީން ރިޝްވަތު ނެންގެވި ކަމަށް ބުނެ ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
އޭގެފަހުން ކޮންމެ ރެއަކު ވެސް އިދިކޮޅު ކޯލިޝަނުން އަންނަނީ މާލޭގެ މަގުތަކަށް ނުކުމެ ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި އަޑުއުފުލަމުންނެވެ.
އެ މުޒާހަރާތަކުގެ ބައެއް ފޮޓޯތައް ހިއްސާކުރައްވައި ޝުޖާއު ވަނީ ހަރަކާތް ތަކުގައި ފޯރީގައި ބައިވެރިވާ ހުރިހާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ.
ދެން ވިދާޅުވީ ރައީސް ޔާމިނަށް އިއްވާފައިވާ ހަރާމް ހުކުމް ބާތިލް ކުރުމަށް ގޮވާލާ ކުރާ އިހުތިޖާޖުތައް ނިންމާނީ ރައީސް ޔާމީނަށް އިންސާފު ލިބިވަޑައިގަތުމުން ކަމަށެވެ.
ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން މިހާރު ގެންދަވަނީ ކްރިމިނަލް ކޯޓުގެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.