ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އަންނަ ފެބްރުއަރީގެ ފަހުކޮޅުގައި ބާއްވަން އެ ޕާޓީން ނިންމައިފިއެވެ.
ޖޭޕީގެ ތަރުޖަމާނު ޢަލީ ޞާލިޙް ވިދާޅުވީ ޕާޓީގެ ކޮންގްރެސް ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ ފަހު ހަފުތާގައި ކަމަށެވެ. އަދި ކޮންގްރެސް ބާއްވަން ހަމަޖެހިފައިވަނީ މާލޭގައި ކަމަށާއި އެކަމާ ގުޅިގެން ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމުގައި ޢަލީ ވިދާޅުވިއެވެ.
ކުރިން އޮތީ މިދިޔަ ޑިސެމްބަރުމަހުގައި ކޮންގްރެސް ބާއްވާ ގޮތަށެވެ.
ރާއްޖޭގެ ތިންވަނައަށް އެންމެ ބޮޑު ޕާޓީ, ޖޭޕީގެ ކޮންގްރެސްގައި ޖޭޕީގެ ކައުންސިލު އަލުން އިންތިޚާބު ކުރާނެއެވެ. އަދި ރިޔާސީ އިންތިޚާބުގައި ކުރިއަށްދާނީ ވަކިންތޯ ނުވަތަ ކޯލިޝަނެއްގެ ތެރެއިންތޯ ނިންމާނެއެވެ.
ސިޔާސީ ގޮތުން ޖޭޕީން ނިންމާ މުހިންމު ނިންމުންތަކަށް ކޮށައިލެވޭ މަގަކަށް މި ކޮންގްރެސް ވާނެކަމަށް އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެފައިވެއެވެ.