އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު, ޕާޓީ ރޫޅައިލުމަށް ބޭނުން ކުރައްވަނީ ޑީއާރްޕީ ބައިކޮށްލެއްވުމަށް ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ބޭނުންކުރެއްވި އުކުޅުތައް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑީއާރްޕީ ރޫޅައިލުމަށްޓަކައި ރައީސް މައުމޫން އެންމެ ފުރަތަމަ ޕާޓީގެ ތެރެއިން ޒެޑް.ޑީއާރްޕީ ކިޔާ ވަކި ގޮތްޕެއް އުފެއްދެވި ކަމަށާއި އެއީ ޑީއާރްޕީ ބައިކޮށް ޕީޕީއެމް އުފެއްދެވުމަށް ކޮށްޓެވި މަގު ކަމަށެވެ.
”ކުޑަ ދުވަސްކޮޅެއް ފަހުން ޒެޑް.ޑީއާރްޕީ މުޅިން އާ ޕީޕީއެމްއަށް ބަދަލު ވީ.“
ޝަރީފް ވިދާޅުވީ ”ފިކުރެއްގެ ދިރުން“ ފެކްޝަނާއި ޒެޑް.ޑީއާރްޕީއަކާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ.
”މުޙައްމަދު ނަޝީދު އެ ހިންގަވަން ބޭނުންފުޅު އެވަނީ ޒަޢީމް މައުމޫން ހިންގެވި މަގުންނެވެ. އެމްޑީޕީ ބައިބައިކޮށްލުމުގެ މަސައްކަތް ފެށްޓެވީއެވެ. މީ އެމްޑީޕީ ރިޔާސީ އިންތިޚާބުން ފެއިލްކޮށްލުމަށް ކުރެވޭ މަސައްކަތަކަށް ނޫނީ ނުވާނެއެވެ.“
އެމްޑީޕީ ރިޔާސީ ޕްރައިމަރީން ކުރިމަތިވެވަޑައިގަތް ނާކާމިޔާބީއާއެކު 24 ގަޑިއިރަށްވުރެ ގިނައިރު ގެކޮޅުގައި އޮންނެވުމަށްފަހު ނަޝީދު އިއްޔެ ވަނީ އަލިމަސް ކާނިވާ ސަރަހައްދުގައި ހުންނަ ދޮންމަނިކު ސްކައި ވިއު ރެސްޓޯރެންޓުގައި ސަޕޯޓަރުންނާއި ކެމްޕޭން ޓީމުތަކާއެކު މެންދުރުގެ ފަރިކޮޅަށް އިންސާފު ކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ.
ނަޝީދު ވިދާޅުވީ ”ޕްރައިމަރީގައި ހޮވުނު ކެންޑިޑޭޓަކާ އެކީ ގޮސްގެން އެމްޑީޕީއަކަށް ކާމިޔާބެއް ނުކުރެވޭނެ“ ކަމަށެވެ.
”އަޅުގަނޑު ހުށަހަޅަނީ ޕާޓީގެ ފިކުރެއްގެ ދިރުމުގެ ގޮތްޕަށް 50,000 މީހުން ވަންނަން. އަޅުގަނޑު އެދެނީ ކޮންމެ ރަށެއްގަ ވެސް މިސާލަކަށް ފިކުރެއްގެ ދިރުން އެކެއް ދެއެއް ތިނެއް ހަތަރެއް ހަތަރު ގޮފި ފަސް ގޮފި ވިޔަސް ކޮންމެ ރަށެއްގަ ވެސް ކޮންމެ ތަނެއްގަ ވެސް މި ފިކުރުގެ ގޮފި އުފައްދައި 50,000 މީހުން އަޅުގަނޑުމެންގެ ފިކުރުގަ އެއް ގޮތްޕެއްގަ ތިބެވޭނެ ގޮތަކަށް އަޅުގަނޑުމެން އިންތިޒާމުވާން.“
ނަޝީދު ވިދާޅުވި ގޮތުގައި ޕާޓީގެ ތެރޭގައި ފިކުރެއްގެ ދިރުމުގެ ނަމުގައި ހަރަކާތް ހިންގޭނެއެވެ. އަދި ޕާޓީގެ ހިންގާ ގަވާއިދު ވެސް އެކަމަށް ޖާގަދެއެވެ. އަދި ”ފިކުރެއްގެ ދިރުން އެމްޑީޕީގެތެރޭގަ ހެދުން ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެ“ އެވެ. އަދި އެމްޑީޕީއަކީ ”ދޫކޮށްލާފައި ދާން އަޅުގަނޑު ދުވަހަކު ވެސް ގަސްދުކުރާ ޕާޓީއެއް ނޫން.“ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.