މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެނެސްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އިއްޔެއިން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 7,062.65 ރުފިޔާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކު ވެސް އެ އަހަރަކު މުދަލު ޒަކާތް ވާޖިބުވާ ނިޞާބު ކަނޑައަޅައެވެ. މިއީ މި އަހަރު ފެށުނު ފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު އައި ފުރަތަމަ ފަހަރެވެ.
މުދަލުގެ ޒަކާތުގެ ނިޞާބަށް އެންމެ ފަހުން ބަދަލު ގެނައީ މިދިޔަ ސެޕްޓެމްބަރުގައެވެ. އެ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އިއްޔެއާ ހިސާބަށް މުދަލު ޒަކާތުގެ ނިޞާބަކީ 5777.45 ރުފިޔާއެވެ.
ނިޞާބަކީ މުދަލުގައި އެ މިންވަރެއް ހަމަވުމުން ޒަކާތް ވާޖިބުވާ މިންވަރެވެ. އެ މިންވަރަށްވުރެ މަދުވެއްޖެނަމަ ޒަކާތް ވާޖިބެއް ނުވާނެއެވެ. އަދި ޒަކާތް ދައްކާ މުދަލުގެ ބާވަތާއި ގުޅޭގޮތުން އެ މިންވަރު ބަދަލުވެދާނެއެވެ.
ޒަކާތް ނެރުން ވާޖިބުވާނީ ފަސް ބާވަތެއްގެ މުދަލުންނެވެ. އެއީ ރަނާއި ރިއްސާއި ފައިސާއާއި, ބިމުން ނެގޭ މަޢުދަންތަކާއި ރިކާޒާއި, ވިޔަފާރި މުދަލާއި, ގޮވާމާއި މޭވާގެތެރޭގައި ހިމެނޭ ގިނަ ދުވަހު ހަލާކުނުވެ ހުންނަ ތަކެއްޗާއި, ގެރި, ބަކަރިއާއި އަދި ޖަމަލުންނެވެ.