ހދ.ނޮޅިވަރަމުގެ ފުޓްބޯޅަ ދަނޑުގައި ޓާރފް އަޅަން ތައްޔާރުވެފައި ވަނިކޮށް ޓާރފް ތަކުގައި ރޯކޮށްލައިފިއެވެ.
ޓާރފްތަކުގައި ރޯކޮށްލީ ރޭ މެންދަމުގެ ވަގުތެއްގައެވެ. އެ ރަށު ކައުންސިލްގެ ރައީސް ޔޫސުފް މޫސާ ބައެއް މީޑިއާތަކަށް ވިދާޅުވި ގޮތުގައި އަލިފާންގަނޑު ނިއްވައިލެވުނީ މިއަދު ހެނދުނު ވީ ފަހުންނެވެ.
މިކަމާ ގުޅޭ ގޮތުން ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް މިއަދު ވިދާޅުވީ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތަކީ އެތައް ގޮންޖެހުންތަކަކާއެކު ދިގުދެމިގެންދިޔަ މަސައްކަތެއް ކަމަށެވެ. އަދި ޓާރފް އަޅަން ތިން ދުވަހަށް ވެފައިވަނިކޮށް ބަޔަކު ގަސްތުގައި ޓާރފް ތަކުގައި ރޯކޮށްލީ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.
”އެތައް ގޮންޖެހުންތަކާއެކު ދިގުލައިގެންދިޔަ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާރފް އަޅަން 3 ދުވަހަށް ވުމާއެކު ބަޔަކު މިވަނީ ގަސްތުގައި ޓާރފް ތަކުގައި ރޯކޮށްލާފަ.“
މަހްލޫފް ވަނީ އެތައް މިލިއަން ރުފިޔާގެ ގެއްލުންދީ ގަސްތުގައި ރަށުގެ ތަރައްޤީއަށް ހުރަސްއެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއްކަމަށް ވެސް ވިދާޅުވެފައެވެ.