އުތުރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 60 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.
ފުލުހުންގެ އިދާރާއިން އިއްޔެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މަތި އުތުރު ޕްރޮވިންސްގައި ހިމެނޭ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް އެ އިދާރާއަށް ހުށަހެޅީ މިިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.
އެ މައްސަލައިގައި ކޯޓު ޢަމުރެއްގެ ދަށުން އާދިއްތަ ދުވަހުގެ ރޭ ހައްޔަރުކުރީ 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުން އަންނަ ކަމަށެވެ.